logoEN
PNC TOP 3
ސާޖަންޓު އާދަމް ޙަލީމްގެ ޤާޠިލު، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

ސާޖަންޓު އާދަމް ޙަލީމްގެ ޤާޠިލު، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

އަހުމަދު ޝުރާއު

logo

4/2/2026, 3:48:35 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި އެވެ.

PNC MID 2

23 ޖުލައި 2012 ދުވަހު، ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް 29 މާރިޗު 2026 ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިއާއިއެކު މައްސަލާގައި މިއަދު، 2 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ސާޖަންޓު އާދަމް ޙަލީމްގެ ވާރިސުންގެ ހެކިބަސްނެގުން ކުރިއަށްގެންގޮސްފައިވެއެވެ. ސާޖަންޓު އާދަމް ޙަލީމްގެ ވާރިސުންގެ ގޮތުގައި ތިބީ ބައްޕައާއި، މަންމައާއި، އަނބިމީހާއާއި، ދަރިއެކެވެ. އެ މީހުންގެ ތެރެއިން ސާޖަންޓު އާދަމް ޙަލީމްގެ ބައްޕައާއި، މަންމައާއި، އަނބިމީހާ މިއަދު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދެމުން، ސާޖަންޓު އާދަމް ޙަލީމްގެ މަރުގެ ބަދަލުގައި ޤިޞާޞް ހިފަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، ޤާނޫނު ނަންބަރު: 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 3) ގެ 88 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ސާޖަންޓު އާދަމް ޙަލީމްގެ ޤާޠިލު، މުޙައްމަދު ސަމާޙު މެރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައިއެވެ.

މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 29 ޖުލައި 2012 ގައެވެ. އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، މުޙައްމަދު ސަމާޙު މެރުމަށް އެކޯޓުން ޙުކުމްކޮށްފައިވެއެވެ. އަދި އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެކޯޓުން ނިންމާފައިވެއެވެ. އެ ނިންމުން މުޙައްމަދު ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރުމަށް 23 ސެޕްޓެންބަރު 2024 ދުވަހު ނިންމާފައިވެއެވެ.

މިއަދު ކްރިމިނަލް ކޯޓުން ޙުކުމް ކުރީ، ތަޙްވީލުކުރުމާ ގުޅިގެން މައްސަލަ އަލުން ބެލުމަށް ފަހުގައެވެ.

ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެކަމަށް ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މުޙައްމަދު ސަމާޙު މެރުމަށް މިއަދު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމުގެ ކުރިން، ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމުގެ އިޖުރާއަތްތައް ކުރިއަށްގެންދެވޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC