
އޯ.އޭ.ސީ.ޕީ.އެސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
# ފޮރިން މިނިސްޓްރީ-
މި މަހުގެ 27 އިން 29 އަށް އިކުއޭޓޯރިއަލް ގިނީގެ މަލާބޯގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގައުމުތަކުގެ އެންމެ އިސްވެރިންގެ 11 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ސަމިޓުގައި ރާއްޖެއިން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޤީލާ ޢަލީ އެވެ.
މި ސަމިޓުގައި، އޯ.އޭ.ސީ.ޕީ.އެސް. ގައުމުތަކުގެ މެދުގައި އިޤްތިޞާދާއި، ވިޔަފާރިއާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން އޯ.އޭ.ސީ.ޕީ.އެސް. ހިންގުން ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކޮށް މެމްބަރު ގައުމުތަކުން ވަނީ މި ޖަމުއިއްޔާ ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.
މި ސަމިޓްގެ ތަރެއިން ބޭއްވި އޯ.އޭ.ސީ.ޕީ.އެސް. ކައުންސިލް އޮފް މިނިސްޓަރސް ގެ ޚާއްސަ ބައްދަލުވުމުގައިވެސް ސަފީރު ޤީލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސަމިޓަކީ އޯ.އޭ.ސީ.ޕީ.އެސް. އަށް މިދިޔަ އަހަރު 50 އަހަރު ފުރުމަށްފަހު، ބާއްވާ ފުރަތަމަ ތާރީޚީ ސަމިޓެވެ. އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން 79 ގައުމެއް ހިމެނޭހެން އުފައްދާފައިވާ ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.
މި ބައްދަލުވުމުގައި ސަފީރު ޤީލާގެ އަރިހުގައި ބެލްޖިއަމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ޙަސަން ނަވާފު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

އޯ.އޭ.ސީ.ޕީ.އެސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

2026 އިން 2030 ނިޔަލަށް އ.ދ.ގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަން ގެ މެމްބަރަކަމުގެ ދައުރު ދިވެހިރާއްޖެ އިން ފަށައިފި

ތުރުކީއާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

.gif&w=3840&q=75)



