
އެމެރިކާއާއި އިޒްރޭލުން އިރާގުގެ ސިޔާދަތަށް އަރައިގަތުމާއިއެކު އިރާގުން ހަނގުރާމައިގެ ތެރެއަށް!
# އިރާގްއިރާގުގެ އިސްތިގްލާލަށް ނުރައްކާ ކުރަމަތިކުރުވައި އެގައުމުގެ ރަސްމީ ދިފާއީ ބާރުތަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިޒްރޭލާއި އެމެރިކާއާއި ދެކޮލަށް ހަމަލާތައް ދޭން ފަށަން އިރާގުގެ ސަރުކާރުން އެގައުމުގެ ދިފާއީ ބާރުތަކަށް ހުއްދަ ދީފި އެވެ.

މި ނިންމުން ނިންމާފައިވަނީ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ރޭ ކުއްލި ބައްދަލުވުމެއް ބާއްވައި، އެގައުމުގެ ސަލާމަތީ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައި އެވެ.
މި ބައްދަލުވުމުގެ ބައިވެރިން ވަނީ އެގައުމުގެ ޕަރަމިލިޓަރީ ގްރޫޕުތަކަށް އަމާޒުކޮށް އިޒްރޭލާއި އެމެރިކާ ގުޅިގެން ތަކުރާރުކޮށް ދޭ ހަމަލާތައް ކުށްވެރިކޮށް، އެއީ "އިރާގުގެ އިސްތިގުލާލާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ކަމެއް" ކަމުގައި ނިންމާފައި އެވެ.
އިރާގުގެ ރަސްމީ ނިއުސް އެޖެންސީ (އައިއެންއޭ) އިން ރިޕޯޓުކުރާ ގޮތުގައި މިހާރު ހާލަތު އޮތް ގޮތުން މި ހަމަލާތަކަށް އިރާގުގެ ޕެރަމިލިޓަރީ ގްރޫޕްތަކުން ރައްދު ދިނުމުގެ ހައްގު ދިނުމަށް ގައުމީ ސަލާމަތީ މަޖިލީހުން ނިންމި ނިންމުމަށް ވެސް ބައިވެރިން ވަނީ ތާއީދުކުރާކަން ހާމަކޮށްފައެވެ. މިގޮތުން އެގައުމުގެ ސަލާމަތީ މަޖިލީހުން ނިންމާފައިވަނީ، އެ ގައުމުގެ ރަސްމީ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް)ގެ މަރުކަޒުތަކަށް އަމާޒުކޮށް ތަކުރާރުކޮށް ދެމުންގެންދާ އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ހައްގު އެ ބާރުތަކަށް ދީ އިރާގުގެ އިސްތިގްލާލު ހިމާޔާތްކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށެވެ.
މި ނިންމުމާއިއެކު މިހާރު މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާ އަދި އިރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އިރާގުން ރަސްމީ ހައިސިއްޔަތުން ނުވަތް ނަމަވެސް ހަނގުރާމަ އިތުރަށް ފުޅާވެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމެރިކާއިން ތުހުމަތު ކުރާގޮތުގައި އިރާގުގައި ހުންނަ އެމެރިކާގެ މައި މަރުކަޒުތަކަށް ހަމަލާދެމުން އަންނަނީ އިރާގުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ޕަރަމިލިޓަރީ ބާރުތަކުންނެވެ. މި ތުހުމަތުތައް އެމެރިކާއިން ކުރި ނަމަވެސް އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދިނުމުގެ ފުރިހަމަ ޒިންމާ ނަގަމުންދަނީ އިރާނާއި ގާތް ގުޅުމެއް އޮންނަ އިސްލާމިކް ރެސިސްޓެންސް އިން އިރާގު ޖަމާއަތުންނެވެ.
.gif&w=3840&q=75)




