
-
ތިނަދޫ ސިޓީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ ޢިއްޒަތްތެރި މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއިއެވެ. މިއަދު މަސައްކަތް ފެށުނު 50 ހައުސިންގ ޔުނިޓަކީ ތިނަދޫގެ ބަރާސިލް އަވަށުގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓުތަކެކެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން ތިނަދޫ ސިޓީގައި 3 ކޮޓަރި އެޕާޓްމަންޓްގެ 50 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރީން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުއާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ ތިނަދޫގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން، މި މަޝްރޫއާއިއެކު އެސިޓީގެ ބޯހިޔާވަހިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.







