
1447 ވަނަ އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މިރޭ 8:30 ގައި އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައި އޮންނާނެ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮޮތައް މިއަހަރުވެސް އަމަލުކުރާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ޑީޖޭއޭއިންވަނީ އިންތިޒާމްކޮށްފަ އެވެ.
ޑީޖޭއޭއިން ބުނެފައިވަނީ މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހެކިބަސް އަދާކުރަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށްވެސް ޑީޖޭއޭއިން ބުނެފައިވެ އެވެ.
ޝައްވާލް މަހުގެ ހަނދު ސާބިތުވަންދެން ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ޑީޖޭއޭއިން ބުނެފައިވެ އެވެ.
އެހެންކަމުން މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް ހަނދާއި ބެހޭ މައުލޫމާތު ދޭން ޖެހޭ އިދާރާތަކަށް ވަޑައިގަންނަވާ މައުލޫމާތު ދިނުމަށް ޑީޖޭއޭއިން ވަނީ އެދިފަ އެވެ. އަދި ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އަދި މި ނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި އެވަގުތަކު ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއް ހުރި ރަށަކަށް ދާންޖެހޭނަމަ ނުވަތަ ހެކިބަސް އަދާކުރުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ މީހެއްގެ އައުމާއި، ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިޖޭއޭއިން ބުނެ އެވެ.
ކޮންމެ އަހަރަކުވެސް ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާއްސަ ބައްދަލުވުމެއް ބާއްވަ އެވެ.
.gif&w=3840&q=75)






