
-
ގައުމީ ތެޔޮ ކުންފުނި ހިންގާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ފައިދާ ކުޑަކޮށްގެން ވެސް ތެލުގެ އަގު އިތުރަށް އުފުލުނަ ނުދީ ހިފަހައްޓާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ގުޅިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިރާނަށް ހަމަލާދޭން ފެށުމާއި ގުޅިގެން އިރާނުންވެސް ވަނީ ވަރުގަދަ ހަމަލާތަކެއް މުޅި މެދުއިރުމައްޗަށް ދޭން ފަށާފައި އެވެ. އެގޮތުން އެމެރިކާގެ ބޭސްތައް ހުރި ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ގަލްފުގެ ޔޫއޭއީއާއި، އޮމާން، ގަތަރު ފަދަ ބޮޑެތި ގައުމުތަކަށް އަމާޒުވަމުންދާއިރު މި ހަމަލާތަކުގެ ސީދާ އަސަރު ރާއްޖޭގެ އިގްތިސޯދަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. ވަކީން ޚާއްސަކޮށް ރާއްޖޭއަކީ ތެލުގެ އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމެއް ކަމުންނާއި މެދުއިރުމައްޗަކީ ރާއްޖެއަށް ފަތުރުވެރިން ގެންނަ މައި އެއް ދޮރާށި ކަމުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް މިހާރުވެސް ލިބެމުންދާ ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރައްވަން ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ކަމަށާއި ރާއްޖޭގައިވެސް ކުރީން ވިއްކި އަގަށް ވުރެ ތެލުގެ އަގު ބޮޑުވެފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރަމުންދާ ކަން ހާމަކުރައްވައި ވަޒީރު ވިދާޅުވީ ތެލާއި ގޭހުގެ އަގު އިތުރަށް އުފުލުނު ނުދިނުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ވަކީން ޚާއްސަކޮށް އެސްޓީއޯއަށް ސަބްސިޑީ ދީގެން ވެސް އަދި ކުންފުނީގެ ފައިދާ ކުޑަކޮށްގެން ވެސް ތެލުގެ އަގު އިތުރަށް އުފުލުނަ ނުދީ ހިފަހައްޓާނެ ކަމުގައި ޔަގީންކަން ވަޒީރު ދެއްވި އެވެ.
ރާއްޖެއިން ތެލަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޖަނަވަރީގައި އެސްޓީއޯއަށް ހޯދި ބޮޑު ބޯޓް ތެޔޮ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށާއި އެ ބޯޓް ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި މާލެ ބަނދަރަށް ވަންނާނެ ކަމަށެވެ. އަދި މިހާރުވެސް އިތުރު ބޯޓެއް ތެޔޮ ބަރުކުރުމުގެ މަަސައްކަތްކޮށް ވަރަށް އަވަހަށް ރާއްޖެއަށް ދަތުރުފަށާނެ ކަމަށް ވިދާޅުވި އެވެ.
"ތެލާއި ގޭހަށް ބަލާއިރު އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އިރާދަފުޅުކުރެއްވިއްޔާ އެބަހުއްޓޭ. އެކަމަކު ތެލުގެ އަަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފި," ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ތެލާއި ގޭސް ހޯދުމަށް އިތުރު ޤައުމުތަކާއި ވެސް ސަރުކާރުން ދަނީ ވާހަކަ ދައްކަމުންނެވެ. ޤައުމުތަކުން ވަރަށް ފަހި ސިގްނަލް ލިބިފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް މިއަދު ވިދާޅުވި އެވެ.
.gif&w=3840&q=75)






