.jpg&w=3840&q=75)
-
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ "ރިހި ޔޫބީލް" ފާހަގަކުރުމަށްތަކައި މުޅިއަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ހިންގުމަށް އެ ކޯޕަރޭޝަނުން ތައްޔާރުވެއްޖެ އެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި، މި ހަރަކާތްތަކަކީ އެ ކޯޕަރޭޝަނުން ހުޅުމާލެ ތަރައްގީކުރުމުގައި ކޮށްފައިވާ ބުރަ މަސައްކަތާއި، ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތްތަކެކެވެ. މި ހަރަކާތްތައް ފަރުމާކުރެވިފައިވަނީ މުޖުތަމައުގެ ގުޅުން ބަދަހިކުރުމާއި، ކުންފުނީގެ ބާނީންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ މައްޗަށެވެ.
އެޗްޑީސީން ހިންގަން ރާވާފައިވާ ހަރަކާތްތައް
މާރިޗު - ބާނީންގެ އަގުވަޒަންކުރުން
މި ހަރަކާތްތައް ފެށިގެންދާނީ "ފައުންޑަރސް ޓްރިބިއުޓް" އަދި "ސިލްވަރ ވޯކް" ފަދަ ޑިޖިޓަލް ކެމްޕޭންތަކުންނެވެ. މީގެ މަގުސަދަކީ އެޗްޑީސީގެ ބާނީންނާއި، ގިނަ ދުވަސްވީ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމެވެ.
އޭޕްރިލް - އަހަރީ ގާލާ އިވެންޓް
މިއީ މި ހަރަކާތްތަކުގެ ތެރެއިން ބޭއްވޭ އެންމެ ޝަރަފުވެރި ހަފްލާއެވެ. މި ހަފްލާގައި ދާއިރާގެ އިސްވެރިންނާއި ޕާޓްނަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތުގައި "އަހަރެންގެ ހުޅުމާލެ" ފޮތް ނެރުމާއި، ހާއްސަ އެވޯޑްތައް ދިނުން އޮންނާނެއެވެ.
މެއި - މައި ހުޅުމާލެ ފެސްޓިވަލް އަދި ސިލްވަރ ވޮއިސް
މި މަސް ޚާއްސަކޮށްފައިވަނީ މުޖުތަމައަށެވެ. އެގޮތުން ބާއްވާ "މައި ހުޅުމާލެ ފެސްޓިވަލް" ގައި ހުޅުމާލޭގެ ހުނަރުވެރިންނާއި ކުދި ވިޔަފާރިތަކަށް ފުރުސަތު ދެވޭނެއެވެ. އަދި "ސިލްވަރ ވޮއިސް" މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުންގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރެވޭނެއެވެ.
ޖޫން - މުވައްޒަފުންގެ އަހަރީ ދުވަސް
މިއީ އެޗްޑީސީގެ މުވައްޒަފުންގެ ހިތްވަރާއި މަސައްކަތް ފާހަގަކުރުމަށްޓަކައި ބާއްވާ ހާއްސަ ހަރަކާތެކެވެ.
ޖުލައި - މިނިވަން ދުވަހުގެ ފުޅަނދުބުރު
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރުގައި، ގައުމީ ތަރައްގީގައި އެޗްޑީސީގެ ދައުރު ދައްކުވައިދޭ ހާއްސަ ފުޅަނދެއް ބައިވެރިކުރާނެއެވެ.
އޮގަސްޓް އަދި އޮކްޓޫބަރު - އާރޓް ފެސްޓިވަލާއި ކާނިވަލް
އޮގަސްޓް މަހު ފަންނުވެރިންނަށް ހާއްސަ "އާރޓް ފެސްޓިވަލް" އެއް ބާއްވާއިރު، އޮކްޓޫބަރު މަހު މުޅި އާއިލާއަށް ބައިވެރިވެވޭނެ ގޮތަށް ބޮޑު ކާނިވަލެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
ނޮވެމްބަރު - މުވައްޒަފުންގެ ރީޓްރީޓް
ކުޑަގިރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރީޓްރީޓަކީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ބާއްވާ ހަރަކާތެކެވެ.
ޑިސެމްބަރު - ރީވައިންޑް 2026
އަހަރުގެ ހުރިހާ ހަރަކާތްތަކެއްގެ ހަނދާންތައް އައުކޮށްދޭ ވިޝުއަލް ކެމްޕޭނަކާއެކު ސިލްވަރ ޖޫބިލީގެ ހަރަކާތްތައް ނިންމާލާނެއެވެ.
އެޗްޑީސީން ބުނީ މި ހުރިހާ ހަރަކާތްތަކެއްގެ މައުލޫމާތު މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ.
.gif&w=3840&q=75)






