
--
އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94000 ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ، މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94000 ދިވެހި ރުފިޔާ ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ ފެބުރުވަރީ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމުން ސީސީޓީވީ ފުޓޭޖްބެލިނަމަވެސް ބޯޓު ދެނެގަނެވިފައިނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ކުރެވުނު މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅިފައިވާކަމަށެވެ. އަދި ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތްކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ފައިސާތައް ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން ތަހުގީގަށް އެނގިފައިވާކަމަށެވެ. އަދި ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކުރެވިފައިވަނީ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނަކާއެވެ.
ނަގުދު ފައިސާ ގެންގުޅުމުގައާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެކެވެ. އަދި މިގޮތަށް އަމަލުކޮށް، އެފަދަ މައުލޫމާތު އެއްކުރުމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
.gif&w=3840&q=75)






