
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެގެން 90އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# ގެވެށި އަނިޔާފޮޓޯ: ޕޮލިސް
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ މުއައްސަސާއިން ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ނަންބަރު 2012/3)ގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ޚިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން އެ މުއައްސަސާއަށް ފާހަގަވާ ކަމަށެވެ.
އެގޮތުން، 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ.
މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.
ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރިކުރުމުގެ އަމުރު"އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެކެވެ.
މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފައެވެ.
ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ޚިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށްވެސް ފުލުހުންގެ މުއައްސަސާއިން ވަނީ ބާރުއަޅާފައެވެ.
ގުޅުންހުރި

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެގެން 90އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫއިން މީހަކު ހައްޔަރުކޮށްފި

ދީނަށް ފުރައްސާރަކުރި މައްސަލާގައި ތަހުގީގަށް ޓިކްޓޮކް "ބޫގަ" ފުލުހުހަށް ހާޒިރުކުރަނީ

.gif&w=3840&q=75)



