
-
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ދެހަފްލާ މިއަހަރު އޮންނާނެކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިއަދު ބުނެފައިވަނީ، މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ޤައުމީ ޓިމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފްލާ ކަމަށެވެ. މިއީ 2025 ވަނަ އަހަރު ބާއްވަން މަސައްކަތްކުރި ހަފްލާއެއް ކަމަށާއި، އެކި ސަބަބުތަކާހުރެ މި ހަފްލާ ފަސްވީ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" މާދަމާރޭ ބޭއްވިނަމަވެސް 2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު އޮންނާނެ ކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެއެވެ.
.gif&w=3840&q=75)




