
މިލްކުވެރިކަމާއި ބެހޭ ބޮޑު ކޯޅުމެއްގެ ތެރެއިން ގުދަނެއްގައި ހުރި ހުއިފިލަނޑާތަކެއް މަކަރާއި ހީލަތުން ފޮރުވުމުން ފުލުހުން ހޯދައިފި: ނީލަމުގައި އެތަކެތި ވިއްކާލަނީ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ކ ތިލަފުށީ ގުދަނެއްގައި ހުރި ހުއިފިލަނޑާތަކެއް މަކަރާއި ހީލަތުން އެހެން ތަނަކަށް ބަދަލުކުރި މައްސަލައެއްގައި ފުލުހުން އެތަކެތި ހޯދައިގަތް ނަމަވެސް އެތަކެތީގެ މިލްކުވެރިކަމާއި ގުޅޭ މައްސަލައެއް ޖެހިއްޖެ އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، 2025 ޑިސެމްބަރު 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާކަން ކަމަށެވެ.
އެގޮތުން މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައިކަން ފުލުހުންގެ ތަހުގީގަށް އެނގުމާއިއެކު ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މިއަދު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެއެވެ.
މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު:R-3/2025) ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ފުލުހުން ވަނީ އެދިފައި އެވެ.
ފުލުހުން އިތުރަށް ބުނީ ޕީ.ޖީ. އޮފީހުން މިކަމާ ގުޅޭގޮތުން ދެއްވާފައިވާ ލަފާގައިވަނީ، "ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދު" ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށް ކަމަށާއި ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
މިއާއިއެކު، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ޕީޖީން ވަނީ ފުލުހުންނަށް ލަފާދީފައި އެވެ. މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް ޕީ.ޖީ. އޮފީހުން ވަނީ ފުލުހުންނަށް ލަފާދީފައި އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި 2026 ޖެނުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިބާ ކަމަށާއި ނަމަވެސް، ޝަރީއަތުން ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅުއްވާފައި ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

މިލްކުވެރިކަމާއި ބެހޭ ބޮޑު ކޯޅުމެއްގެ ތެރެއިން ގުދަނެއްގައި ހުރި ހުއިފިލަނޑާތަކެއް މަކަރާއި ހީލަތުން ފޮރުވުމުން ފުލުހުން ހޯދައިފި: ނީލަމުގައި އެތަކެތި ވިއްކާލަނީ!

16 ޤައުމެއްގެ އަސްކަރިއްޔާއިން ބައިވެރިވި ޕެޓްސް 2026 ގައި ރާއްޖޭގެ ދިފާއީ ބާރަށް ރަންމެޑަލް!

މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ - އިޙްސާން





