
އިންވެސްޓު ކުރަން ދައުވަތުދެއްވައި ރައީސް ޖަރުމަނުގެ އިންވެސްޓަރުންނަށް ދެއްވީ އިންވެސްޓު ކުރަން ރާއްޖެއަކީ އެއްވަނަކަމުގެ ޔަގީންކަން!
# ރައީސް މުއިއްޒު-
މޯލްޑިވްސް-ޖަރުމަނު ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި އެވެ.

މި ބައްދަލުވުން އޮތީ މިހާރު ރައީސް ޖަރުމަނުވިލާތުގެ ރައީސްގެ ދައުވަތަކަށް އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެގައުމުގެ ވެރިރަށް ބާލިންގައިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ޖަރުމަން ޗެމްބަރސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސް (ޑީއައިއެޗްކޭ)ގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު އަދި ފޮރިން ޓްރޭޑްގެ ވެރިޔާ ޑރ ވޯލްކަރ ޓްރޭއާ އާއި ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީއެމްބީއެޗްގެ ސީއީއޯ މިސްޓަރ ގަންތަރ މުލް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ވިޔަފާރީގެ މާހައުލު ބައްޓަންކުރުމަށް އެހީތެރިވެދީފައިވާ ޖަރުމަނުގެ ވިޔަފާރިވެރިންނާއިއެކު އެފަދަ ބައްދަލުވުމެއް ބޭއްވުމެއް ބޭއްވިގެން ދިޔުމަކީ އުފާކުރައްވާ ކަމެއްކަމުގައި ފާހަގަކުރައްވާފައި އެވެ.
އަދި 2040 ވަނަ އަަހަރާއި ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވައި، ރައީސް ވަނީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށާއި މުއައްސަސާތައް ޒަމާނީކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވަރު ޖަރުމަނުގެ ވިޔަފާރިވެރިންނާއި ހިއްސާކުރައްވާފައި އެވެ. އެގޮތުން މި ތަސައްވުރު ހާސިލްކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކުގެ ގޮތުގައި މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރު ފައިސާ ލިބޭނެ ގޮތް ރަނގަޅުކުރުމާއި، އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހުގައި ފުރަތަމަ ފަހަރަށް ރެކޯޑު އަދަދަކަށް އަރާފައިވާކަން ފާހަގަކުރައްވައި ރާއްޖޭގައި ، ބޭރު ފައިސާގެ ދައުރުވުން ރަނގަޅުވެއްޖެކަން ފާހަގަކުރައްވައި ރައީސް ވަނީ މާލީ ޑިސިޕްލިން ދެމެހެއްޓުމަކީ އަދިވެސް ސިޔާސަތުގެ މައިގަނޑު މަގުސަދެއް ކަމަށާއި، ބަޖެޓް ޑެފިސިޓް ކުޑަކުރުމުގައި ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައި އެވެ. މި ހެޔޮ ކުރިއެރުންތަކާއެކު އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ގޫގުލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށް އިންވެސްޓްކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ހަކަތައަށް ކުރާ ހަރަދުތަކަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑެތި ގޮންޖެހުމެއްކަންވެސް ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް ޒަމާނީ ހައްލުތަކެއް ބޭނުންވާކަން ފާހަގަކުރައްވާފައި އެވެ. އެގޮތުން ސޯލާ ސިޓީ ފަދަ ޕްރޮޖެކްޓުތަކަކީ ހަމައެކަނި ޑީކާބަނައިޒޭޝަނަށް ފޯކަސް ކުރާ ކަމެއް ނޫން ކަމަށާއި، ދުނިޔޭގެ ޖަޒީރާ އަދި އައްސޭރިފަށުގެ އިގްތިސާދުތަކަށް ރެސިލިއަންޓް، އެފޯޑަބަލް، އަދި ރިޕްލިކޭބަލް ހައްލުތައް އުފެއްދުމަށް ވެސް އަމާޒު ހިފާފައިވާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިުތރުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުބާރު ވަރުގަދަކުރުމުގައި ޖަރުމަނުގެ އިންވެސްޓަރުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، މާލީ އިދާރާތަކުން ކޮށްދެއްވާފައިވާ މުހިންމު ޙިއްޞާތަކާ ބެހޭގޮތުންވެސް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ވިޒިޓް މޯލްޑިވްސް އަހަރުގެ ގޮތުގައި 2027 ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، މި މަސައްކަތުގައި ބައިވެރިވުމަށް ޖަރުމަނުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފައި އެވެ. އަދި ދާދި ފަހުން ފެށި ދެމެހެއްޓެނިވި ޓައުންޝިޕް ޕްރޮޖެކްޓް، ޕްރޮޖެކްޓް އައިލާ ފަދަ ކޮންވެންޝަނަލް މޮޑެލްތަކަށްވެސް ޖަރުމަނުގެ އިންވެސްޓަރުންނަށް ރައީސް ދައުވަތުދެއްވި އެވެ.
މީގެ އިތުރުން ޚާއްޞަ ޚިދުމަތްތަކާއިއެކު ސިއްޙީ ޚިދުމަތް ފުޅާކޮށް ޒަމާނީކުރުމާއި، އައުޓްބައުންޑް ކެއާގެ ބޭނުން ކުޑަކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި ރައީސް ވަނީ މި ދާއިރާތަކުން ޖަރުމަނުގެ ތަޖުރިބާ ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރައްވާފައި އެވެ. ބޭންކިންގ އާއި މާލީ ހިދުމަތްތަކަކީ އިންވެސްޓް ކުރުމަށް ކުރެވިދާނެ އަނެއް ދާއިރާއެއްގެ ގޮތުގައި އިތުރަށް ފާހަގަކުރައްވައި، ރާއްޖޭގެ އަމާޒަކީ ދިގުމުއްދަތުގެ ޕާޓްނަޝިޕްތަކަށް އެހީތެރިވެދޭ ހާމަކަން ބޮޑު، ގަވާއިދުތަކަށް ބިނާވެފައިވާ މާހައުލެއް ގާއިމްކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސް އިން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ މާހައުލާއި ޝައުގުވެރިވާ ފަރާތްތަކަށް ހުރި ފުރުސަތުތައް ހުށަހަޅާފައެވެ. އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ކުރަމުންދާ އެކިއެކި މަސައްކަތްތަކަށް އަލިއަޅުވާލާ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައި އެވެ.
މިއަދުގެ ބައްދަލުވުމުގައި ޔޫރަޕްގެ މަޝްހޫރު ޓްރެވަލް އެންޑް ޓޫރިޒަމް ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ ޑެރޓޫ ޑޮއިޗްލޭންޑް ޖީއެމްބީއެޗް އާއި ރާއްޖޭގެ އެމްއެމްޕީއާރްސީ އާއި ދެމެދު ޑެސްޓިނޭޝަން ޕްރޮމޯޝަން އަދި މާކެޓިންގެ އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ގުޅުންހުރި

އިންވެސްޓު ކުރަން ދައުވަތުދެއްވައި ރައީސް ޖަރުމަނުގެ އިންވެސްޓަރުންނަށް ދެއްވީ އިންވެސްޓު ކުރަން ރާއްޖެއަކީ އެއްވަނަކަމުގެ ޔަގީންކަން!

ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ހޯދި ކާމިޔާބީއާއިމެދު ފަޚުރުވެރިވޭ - ރައީސް

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި





