
ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!
# އާރްޑީސީ-
ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހެވީ މެޝިނަރީގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން މިއަދު އެއްބަސްވުމެއްގައި ސޮއިކުރީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސް.ސީ.އެމް.ޖީ އާއި އާރްޑީސީން އުފެއްދި ންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު އެވެ.
އާރްޑީސީން ބުނީ އައިޑީއެސްއިން މިއަދު ސޮއިކުރި މި އެއްބަސްވުމަކީ އާރްޑީސީން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ މެޝިނަރީ ހޯދުމަށްޓަކައި ސޮއިކުރެވުނު ތާރީހީ އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި އައި.ޑީ.އެސްގެ ފަރާތުން ސޮއިކުރެއްވީ އައި.ޑީ.އެސް. އަދި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓޫ ހުއި އެވެ.
ޗައިނާގައި މިއަދު ސޮއިކުރި މި "ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް" އަކީ އާރްޑީސީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަނާއި ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މުޢާމަލާތެކެވެ. މި އެއްބަސްވުމުގެ ދަށުން، މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސް.ސީ.އެމް.ޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އާރްޑީސީން ބުނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކްސް.ސީ.އެމް.ޖީގެ ގްލޯބަލް ބިސްނަސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޒައި ކުން އާއި އާރް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީހް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!

ތިން ރަށެއްގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއަށް!

މާމިގިލީ މަގު ހެދުން: 300 މީޓަރަށް ތާރު އަޅައިފި





