
ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށަނީ
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށަން ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުމާލެގައި ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ތަރައްޤީކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައި އެވެ.
މިއާއިއެކު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މި މިސްކިތުގެ ކުރެހުންތައް އާންމުކުރައްވައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި މިއަދު އިޢުލާންކުރެއްވި ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ރާއްޖެއިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅިގެން 13 ސެޕްޓެމްބަރު 2026 / 2 ރަބީޢުލްއާޚިރު 1448 ގައި ބިންގާ އަޅައި ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އެގޮތުން މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިނގާއި ޕާކިން ވެސް ހިމެނޭނެ ގޮތަށްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށާއި މީގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް މިސްކިތުގައި ހިމެނޭނެ ކަމަށެވެ.
މި މަޝްރޫޢަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ފަންޑު ހަމަޖެހިފައިވާކަން ހާމަކުރައްވައި ޝަހީމް ވިދާޅުވީ މިއީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ރާއްޖޭގައި ޤާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫޢަކަށް ވެގެންދާނެ ކަމަށާއި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމި މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ތަފްޞީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އަދި މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންކަންވެސް ޝަހީމް ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ މި މަޝްރޫޢުގެ ޑިޒައިނިންއާއި ހުރިހައި މަރުޙަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫޢަށް ފަންޑުކުރާ ފާރާތުން ކަމަށާއި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި މިސްކިތުގައި ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދުކުރެވޭނެކަމަށް ލަފާކުރެވޭކަމަށާއި މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތަށް ވެގެންދާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މި މިސްކިތް ބިނާކުރެވިގެންދާނީ ފޭސް 2/ ފޭސް 3 ދެމެދުގައިއެވެ.
ގުޅުންހުރި

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށަނީ

ދިއްދޫ އިސްލާމީ މަރުކަޒުގައި ޙިފްޒު ކްލާސްތައް ފަށައިފި

އޮމަދޫގައި އަލަށް ބިނާކުރި "މަސްޖިދުއްރަޙުމާ" ރަސްމީކޮށް ހުޅުވައިފި





