
ކެންސަރު އިތުރުވުމަކީ ޤައުމުގެ އުފެއްދުންތެރިކަމަށް އޮތް ނުތަނަވަސްކަމެއް - ނާޒިމް
# ހެލްތު މިނިސްޓްރީ-
ކެންސަރު ބަލި އިތުރުވުމަކީ ޤައުމުގެ އުފެންދުންތެރިކަމަށް އޮތް ބޮޑު ނުތަނަސްކަމެއްކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ބޭއްވި ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ކެންސަރު ބަލިން އަރައިގަތުމަށްޓަކާ މުޖުތަމައެއްގެ ގޮތުގައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރިކަމަށެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ މައި ހޮސްޕިޓަލުގައި ރަސްމީ ސިފައެއްގައި ކެންސަރުގެ ފަރުވާ ފެށިފަވަނީ 2017 ވަނަ އަހަރުކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިންވެސް އެކި ގޮތްގޮތުން އެއިރަކު ދެވެން ހުރި ފަރުވާއެއް އަބަދުވެސް ދެމުން ގެންދިޔަކަމަށް ވިދާޅުވިއެވެ.
ބައެއް ތަފާސްހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރު ފެށިގެން މިއަދާ ހަމަޔަށް، ގާތްގަނޑަކަށް 1900 މީހުން ކެންސަރ ޕެންޝަންޓުންގެ ގޮތުގައި މިވޭތުވެދިޔަ ދުވަސްތަކުގައި ކެންސަރު ބަލީގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 1900 މީހުން ޓްރީޓްމަންޓު ހޯދާފައިވާއިރު އެއީ ގާތްގަނޑަކަށް އަހަރަކަށް 230 އަށްވުރެ ގިނަ މީހުންކަން ވަޒީރު ފާހަގަަކުރެއްވިއެވެ.
"އޭގެ މާނައަކީ ގާތްގަނޑަކަށް ކޮންމެ ދެދުވަހަކުން ނޫނީ ތިން ދުވަހަކުން މީހަކު އެބަ މީގައި ރަޖިސްޓަރ ވަމުން އެބަދޭ. މިއީ ވަރަށް އެލާމިންގް، ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. އަދި ޚާއްސަކޮށް މި ޒިންމާއާ ހަވާލުވެހުރި މީހަކު މިކަމާ މެދު ވަރަށް ބޮޑަށް ވިސްނާ ގިނަގުނަ މަސައްކަތްތަކެއް ކަމާގުޅޭ ފަރާތްތަކާއެކު ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން." ވަޒީރު ވިދާޅުވިއެވެ.
ސިއްޙީ ވަޒީރު ވިދާޅުވީ މި ގޮންޖެހުމުން އަރައިގަތުމަށް އެންމެން ގުޅިގެން އެކި ފަންތީގައި މަސައްކަތް ކުރަން ޖެހޭކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ތަފާސްހިސާބުތައް ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ބޭސްވަރުވާ ދިނުން ފުޅާކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ދައްކަންޖެހޭ ރިވެތި މިސާލު މުޖުތަމައުން ދެއްކުމާއި، ޤާނޫނާ ޤަވާއިދުތަކުގެ ތެރެއިން މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަަށް ވަޒީރު ވިދާޅުވިއެވެ.
ކެންސަރ ކޮންޓްރޯލް ކުރުމަށްޓަކައި މިފަދަ ހުރިހާ އިދާރާތަކުން ޕްލޭން ކުރެވިގެން އިސްތިރާޖީ މަސައްކަތްތަކެއް ކުރުން އެއީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޤައުމުގެ އުފެއްދުންތެރިކަމަށްވެސް އޮތް ވަރަށް ބޮޑު ނުތަނަވަސްކަމެއްކަމަށާއި މިކަމުގެ ސަބަބުން މުޖްތަމައުއަށް ކުރާނެ އަސަރު ބަޔާން ކުރަން ނޭގޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވިީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި މި ހުރިހާ ދިމާލަކުން އެކި ފަންތީގެ އެކި މަރުހަލާތަކުގައި މަސައްކަތް ކުރަމުންދާކަމަށެވެ.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާއިރު މިއަދު ސަރުކާރުގެ އެންމެ މަތީ ފަންތީގައި މިކަމަށް އިސްކަންދީ އެކަމަށް އެއްްބާރުލުން ދޭތަން ފެންނަމުންދާކަމަށެވެ. ކެންސަރ ޑިޕާޓްމަންޓަށް ވަސީލަތްތައް ފޯރުކޮށްދިނުމާއި އެޗްޕީއޭއާއި އެންސްޕާގެ ތެރެއިން މީގެ ގަވަރނެންސް ހަރުދަނާކޮށް އޭގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކުރުމަށް މަސައްކަތްކުރާއިރު އެންމެ އިސްކަމެއް ދޭންޖެހެނީ ބަލި ޖެހުމުގެ ކުރިން، ދުރާލާ ރައްކާތެރިވުމަށް މަސައްކަތް ކުރުމަށެވެ. މިކަމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައެވެ.
ގުޅުންހުރި

ކެންސަރު އިތުރުވުމަކީ ޤައުމުގެ އުފެއްދުންތެރިކަމަށް އޮތް ނުތަނަވަސްކަމެއް - ނާޒިމް

މާޅެންދޫއާއި މިލަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

ނ.އަތޮޅު ހޮސްޕިޓަލްގައި ނަފްސާނީ ބަލީގެ ޚިދުމަތާއި ،ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި





