
ގެމަނަފުށި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރަން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފި
# ގއ ގެމަނަފުށި-
ގއ ގެމަނަފުށި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރަން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފި އެވެ.

މިއަދު އިންފްރާސްޓަރަކްޗަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައި ކުރިން ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބަކީ ހުރި މަސައްކަތްތައް ނިންމައި ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުން ހިމެނޭ ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުންއާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަޝްރޫއު އެމްޑަބްލިއުއެސްސީއާއި ހަވާލުކުރީ 17,675,432.34 ރުފިޔާއަށެވެ.




