
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ 5 ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
# ބީއެމްއެލް--
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތްތައް ފަށާފައި ވަނީ މިއަދު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ. އަދި މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަނެވެ.
މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެކެވެ.
މި ފަސް މަޝްރޫއު ފެށުމާއެކު، ބޭންކް އޮފް މޯލްޑިވްސް އާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖިކް އަމާޒުތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ސިނާއަތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި އެމްއެމްއޭގެ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދައި، ގެދޮރުވެރިންނަށްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދޭ އަހުމިއްޔަތުކަން ހާމަކޮށްދެއެވެ.
ގުޅުންހުރި

ބީއެމްއެލް އިން ލޯނު ނެގޭ އެންމެ މަތީ އުމުރު 75 އަހަރާ ހަމައަށް އިތުރުކޮށްފި

ބީއެމްއެލުން ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %5އަށް ކުޑަކޮށްފި

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި




