logoEN
Sto top
ރޯދަ ހަދިޔާ މަސްކޭސް ހޯދުމަށް މިރެއަށް އެކަނިވެސް 4800 އަށްވުރެ ގިނަ ގޭބިސީއަކުން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވޭ!

ރޯދަ ހަދިޔާ މަސްކޭސް ހޯދުމަށް މިރެއަށް އެކަނިވެސް 4800 އަށްވުރެ ގިނަ ގޭބިސީއަކުން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވޭ!

އަހުމަދު ޝުރާއު

logo

1/24/2026, 3:57:46 PM

# ރޯދަ ހަދިޔާ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މިރޭ މާލެ ސަރަހައްދުގައި ބަހަން މިހާރު ފަށާފައިވާއިރު މިރެއަށް އެކަނިވެސް 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަމްބަރު ނަގާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

Wamco

އެވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހަދިޔާ ހޯދުމަށް މާލޭގައި މިރޭގެ މިވަގުތާ ހަމައަށް އައިއިރު 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށާއި މިއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދު ކަމަށެވެ.

އަދި އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކުރައްވައި ވަޒިރު ވިދާޅުވީ މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށެވެ.

މިއާއިއެކު ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައި އެވެ.

ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ 2 އަހަރެކޭ އެއްފަދައިން މިހިނގާ 1447 ވަނަ އަހަރުވެސް ރޯދަހަދިޔާ ބެހުން ކުރިއަށް ގެންދަން ނިންމައި، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. އަދި ޓޯކަން ރަޖިސްޓްރޭޝަނަށް ބުރާސްފަތި ދުވަހު ހުޅުވާލިއިރު، 13 ފެބްރުވަރީ 2026 ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.

ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާއިއެވެ. އެވުޒާރާއިން ބުނީ ރަށްރަށާއި، ސިޓީތަކުގައި (މާލެ ފިޔަވައި) ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއެއްކަމަށާއި، މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ( ވަކި ގޭބިސީއެއްގޮތުގައި) ބަލާފައިވާނެ ކަމަށެ. މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.

ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދަވާނެކަމަށާއި، ރަށްރަށާއި ސިޓީތަކުގައި (މާލެ ފިޔަވައި) ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ކައުންސިލުތަކުންކަމަށާއި، މާލެ ސަރަޙައްދުގައި (މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ) ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، އެ ކަމަށް ގާއިމުކުރާ މަރުކަޒުތަކުގައިކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މިގޮތުން މާލެ ސަރަޙައްދުގައި 15 މަރުކަޒެއް ގާއިމުކުރެވިފައިވެއެވެ އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

މާލެ؛

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯމިލު
  • ހެންވޭރު ބޯޅަދަނޑު
  • ގަލޮޅު ދަނޑު (1)
  • ގަލޮޅު ދަނޑު (2)
  • ގަލޮޅު ދަނޑު (3)
  • ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1؛

  • ޢުމަރު ޒާހިރު ބިލްޑިންގ
  • ޕޮލްކޯ ޓަވަރ ތިރި
  • މުޙައްމަދު ޤާސިމް ޕްރީ ސްކޫލް

ހުޅުމާލެ ފޭސް 2؛

  • ކާމިލުދީދީ ސްކޫލް
  • ހިޔާޓަވަރު 10
  • ވިނަރެސް ފްލެޓް

ވިލިމާލެ؛

  • ވެމްކޯސައިޓް

ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަންއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރޯދަހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފްކޮށްފައިވާއިރު މަރުކަޒުތަކުން ރޯދަހަދިޔާ ދޫކުރަން މިހާރު ވަނީ ފަށާފައި އެވެ.

ރޯދަހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC