
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ވާދަކުރާ ޤައުމީ ފިރިހެން ޓީމަށް ނައިބު ރައީސް ހިތްވަރުދެއްވައިފި
# ސާފް ފުޓްސަލް ޗެމްޕިއަންޝިޕް# ރައީސުލްޖުމްހޫރިއްޔާގެ ނައިބުފޮޓޯ: ރައީސް އޮފީސް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޤައުމީ ފިރިހެން ޓީމު މާދަމާ ކުޅޭމެޗަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޓީމަށް ހިތްވަރުދެއްވައިފިއެވެ.

އެމަނިކުފާނު ޤައުމީ ޓީމަށް ހިތްވަރުދެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.ޤައުމީ ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިންކަމަށާއި މިހާރުވެސް ޓީމުން ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދުކުރެއްވި ނަތީޖާތަކެއްކަން ފާހަގަކުރައްވައި ޓީމާއި މެދު އެމަނިކުފާނު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. މި މުބާރާތަށް ކުޅުންތެރިން ތަމްރީނުކޮށްދެއްވުމަށް ޓީމުގެ ކޯޗު ކޮށްދެއްވި މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ދިވެހިންނަކީ ކުޅިވަރުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކަމުންދާ ބައެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މާދަމާ ރާއްޖޭގެ ޓީމް ކުޅޭ މެޗްގައި ޓީމާއި އެކު ރައްޔިތުން ތިބިކަމުގެ ޝުޢޫރާއި ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދައްކަމުންދާކަމަށާއި މެޗުގެ ކާމިޔާބީއަށް ދިވެހިން ކެތްމަދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސާބަސްދެއްވަމުން އެމަނިކުފާނު ވަނީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ފުރުޞަތުތަކެއް ލިބި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. މާދަމާ ބޫޓާނާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.






