logoEN
Sto top
ޤާނޫނީގޮތުން ޗާގޯސް ރާއްޖެއަށް ލިބުން މާއައުލާކަން ބޮޑު - ރައީސް

ޤާނޫނީގޮތުން ޗާގޯސް ރާއްޖެއަށް ލިބުން މާއައުލާކަން ބޮޑު - ރައީސް

އަހުމަދު ޝުރާއު

logo

1/21/2026, 6:18:21 AM

# ރައީސް މުއިއްޒު

-

އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސް މިކަން ތަކުރާރުކުރެއްވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލާތީ އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިނގިރޭސިވިލާތަށް ފާޑުވިދާޅުވުމާއި ގުޅިގެން އެމައުޝޫއުގެ ބަހުސް އިއްޔެއާއި މިއަދު ގަދަވެފައިވަނިކޮށް އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި އެވެ. ޓްރަމްޕު އިނގިރޭސިވިލާތަށް ފާޑުވިދާޅުވި އިރު ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް މިދިޔަ މޭމަހު އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ޓްރަމްޕު އޭރު ވަނީ ވަރަށް ބޮޑަށް ތައުރީފްކުރައްވާފައި އެވެ. ނަމަވެސް ކުއްލި ގޮތަކަށް ޓްރަމްޕުގެ ވިސްނުން ބަދަލުވެގެންދިޔައީ ގްރީންލޭންޑު ހޯއްދެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިންނެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ ބަހުސް އަނެއްކާވެސް ގަދަވެފައިވާ މި ދަނޑިވަޅުގައި "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށާއި މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ޖިއޮގްރަފިކަލީ ގާތްވުމަކީ އެއް ސަބަބު ކަމަށެވެ.

މީގެ އިތުރުން ރާއްޖެއާއި ޗާގޯސްއާއި ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެންކަމުން ޗާގޯސް ރާއްޖެއަށް ޤާނޫނީގޮތުން ލިބުން މާއައުލާކަން ބޮޑުކަމަށެވެ.

މި މައްސަލާގައި އެކިފަހަރުމަތިން އިނގިރޭސި ސަރުކާރާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރައްވާފައިވާކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިމައްސަލައިގައި ރާއްޖެއިން ދެކޭގޮތާއި ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ސާފުވާނެކަމަށެވެ.

"މިހާރު ރާއްޖެއިންވާނީ މިމައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމާއި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައި. މިވަގުތަށް މިމައްސަލައާއި ގުޅިގެން އިތުރުކަމެއް ހާމަކުރެވެން ނެތް ރާއްޖެއަށް ޗާގޯސްގެ ޙައްގުކަން ބޮޑުކަމަށް ތަކުރާރުކޮށް ބުނުން ފިޔަވާ." ރައީސް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ބައިނަލަގްވާމީ މީޑީއާއަކަށް ރައީސް މުއިއްޒު ދެއްވި މިފަދަ ފުރަތަމަ އިންޓަރވިއުގައި ރައީސްވަނީ މިމައްސަލައިގެ ތެރޭގައިވެސް އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރުނާރާނެކަމަށް ވިދާޅުވެފައެވެ.

ދިވެހިން "ފޯޅަވަހި" ކިޔާ ޗާގޯސްގެ ރަށްތަކާއި ދިވެހި ރަށްތަކާއި އެއްގޮތްކަން ބޮޑު ކަންތައްތަކެއް ހުންނައިރު ރާއްޖޭގެ ތާރީޚުގައި ފޯޅަވަހީގެ ވާހަކަތައް ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖެއިން މިކަމުގައި ވަކާލާތުކުރާ ކަންކަމުގެ ތެރޭގައި މޮރިޝަސްއަކީ 17 ވަނަ ޤަރުނާހަމައަށް މީހުން ވަޒަންވެރިވެ އުޅުނު ތަނަކަށްނުވާއިރު ރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި މީހުން ރަށްތަކެއްގެ މައްޗަށް ބެހި އާބާދުވެގެން ދިރިއުޅެމުން އަންނަތާ 4000 އެއްހާ އަހަރުވެފައިވާ ޤައުމެކެވެ.

ޗާގޯސް މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރުވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމަވާފައެވެ. މިއަށްފަހު ކުރެވުނު ގިނަ މަޝްވަރާތަކަށްފަހު އިނގިރޭސިވިލާތުންވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފައެވެ.

ނަމަވެސް މި ނިންމުމާއި ގިނަ ދިވެހީންތަކެއް ދެކޮޅެވެ. އަދި ގިނަ ބަޔަކު ދެކޭގޮތުގައި ރާއްޖެއާއި ދެކޮޅަށް މި ނިންމުން އައިސްފައިވަނީ ކުރީގެ ރައީސުންނާއި ސަރުކާރުތަކުން ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ހޯދަން ބޭނުން ނުވުމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭނުން ފެށިގެން އަންނަނީ ޗާގޯސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. އަދި އެކަމާއި ގުޅިގެން މިދިޔަ އަހަރު ރައީސް ވަނީ އިނގިރޭސި ސަރުކާރަށް ޚާއްސަ ސިޓީފުޅެއްވެސް ފޮނުއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC