logoEN
Sto top
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

1/20/2026, 5:21:25 PM

# ރައްޔިތުންގެ މަޖިލީހުގެ ރައީސް

-

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، އޮނަރަބަލް ޑޮކްޓަރ ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލްޝައިޚްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Wamco

މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ދީނީ، ސަގާފީ، އަދި ތާރީޚީ ގޮތުން ބިނާވެފައިވާ ވަރުގަދަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ޚާއްޞަކޮށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) މެދުވެރިކޮށް ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގައި އަދާކުރި މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ޝޫރާ ކައުންސިލާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއިން މެދުއިރުމަތީގެ ސުލްޙައާއި އަމާންކަމާއި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކޮށް، ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިވުމުގައި ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއިން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަޢޫދީ ސަރުކާރުން އެކަމުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސައިދީފައިވާ ކަމަށްޓަކައި ޝުކުރުއަދާކުރައްވައި، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވައިލައްވަމުން، ޝޫރާ ކައުންސިލުން އެ މަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވައި، ޝޫރާ ކައުންސިލްގެ ރައީސް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދަޢުވަތު މަޖިލީހުގެ ރައީސް ދެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC