
ގއ ގެ ޑްރަގުގެ ބޮޑު ނެޓްވޯކު: ފަސް އަހަރުގެ ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކުރި، 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މިދިޔަ އާދީއްތަ ދުވަހު ގއ އަތޮޅުން އަތުލައިގަތް ޑްރަގުގެ ނެޓްވޯކުގެ ތެރޭގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ނެޓްވޯކު އަތުލައިގަތުމާއި ގުޅިގެން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން 2026 ޖަނަވަރީ 11 ވަނަ ދުވަހު ގއ.އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށާއި މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ 2025 މާރިޗް މަހުގައި ކަމަށެވެ. އަދި މި ނެޓްވޯރކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށާއި އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އަދި މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާއިރު މި ހުރިހާ ފަރާތްތަކުގެ މައްސަލަވެސް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރިއެވެ.
ފަސް އަހަރުގެ ތެރޭގައި ދައުރުކުރި 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެރެއިން، މިހާރު ފުލުހުންގެ ބަންދުގައި ހުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 (ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) އެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ދައުރު ކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި) އެވެ.
އަދި، ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ އަށްޑިހަ ތިން ލާރި) ވަނީ ދައުރު ކޮށްފައެވެ. މި މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި) އެވެ.
ބަޔާނުގައި ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާ ކަމަށެވެ.
ގުޅުންހުރި

ގއ ގެ ޑްރަގުގެ ބޮޑު ނެޓްވޯކު: ފަސް އަހަރުގެ ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކުރި، 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ދުވަފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި





