
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވާޒީފާ ހަމަޖެހުނަސް އެލަވަންސް އުނިނުވާނެ - ވަޒީރު
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަޖެހުނު ކަމުގައިވިޔަސް އެފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް ކަނޑާނުލާނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 ކުދިންނަށް ވަޒީފާގެ ފުރުސަތު އެކި އިދާރާތައް މެދުވެރިކޮށް ހަމަޖައްސައިދެއްވާފައިކަމުގައި ވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. މިކަމަށް ޚާއްސަ އަޙައްމިޔަތުކަމެއް ދީގެން މި ވުޒާރާއިން ދަނީ އެފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، މި ވުޒާރާއާއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި، ރިސޯޓުތަކާއެކުވެސް މަސައްކަތްކުރަމުންނެވެ.
މިމަސައްކަތް ފެށުމާއެކު ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އުނިވެގެން ހިނގައިދާނެކަމުގެ ކަނބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، އެހެންނަމަވެސް، އެ އެލަވަންސަކީ ޤާނޫނުގެ ތެރެއިން ދޭ އެއްޗެއް ކަމަށާއި ޤާނޫނޫގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ހުއްޓިގެން ނުދާނެކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ، ވަޒީފާގެ ފުރުޞަތު ލިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ މުސާރައަކީ އެހެން ފަރާތްތަކާއި އެއް ހަމައަށް މުސާރައެއް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ މުސާރައިގެ އެއްވެސް ފަރަޤެއް ނުގެންގުޅޭކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި މިގޮތަށް ލިބޭ އާމްދަނީ ޢާއިލާގެ ޚަރަދުތައް ބައެއް ފަހަރު ހަމަޖައްސާކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު އައިޝަތު ޝިހާމް ވިދާޅުވިއެވެ. ކުރިމަގުގައި މި ނިޒާމު އިތުރަށް ހަރުދަނާވެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު މުޖްތަމަޢު ދެކޭގޮތް އެއްކޮށް ބަދަލުވެގެން ދިއުމަކީ އުއްމީދެއްކަމަށް ވަޒީރު އާއިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ޖެންޑަރ އީކުއަލިޓީ ސީލްއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
-1770803001409.webp&w=3840&q=75)
ކޭސް ވޯކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ދެވަނަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި




