
ވިލިމާލޭގެ އައު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ފަށައިފި
# ހެލްތު މިނިސްޓްރީ-
ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތްކުރަމުންދަނީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމަކުންނެވެ.
މި ޓީމުން ސާރވޭއާއި ޑިޒައިންގެ މަސައްކަތްތައް އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މުހިންމު ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރިއަށްގެންދާނެއެވެ.
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމުން ދިރާސާ ހަދަން ޗައިނާގެ ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔައަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ހަމަޖައްސައިދިން ހިލޭ އެހީ އެކެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތައްވެސް ހުންނާނެއެވެ.







