
ސިޓީ ކައުންސިލުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42.15 ޓަނުގެ ކުނި ނަގައިފި
# މާލެ ސިޓީ ކައުންސިލް-
މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހިންގާ ހާއްސަ އޮޕަރޭޝަންގައި، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42.15 ޓަނުގެ ކުނި ނަގާ ސާފުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ ސާފުތާހިރުކޮށް ބެހެއްޓުމާއި މަގުތައް ހިތްފަސޭހަ ކުރުމުގެ މަޤްސަދުގައެވެ.
މި އޮޕަރޭޝަންގައި ކުނި ނަގާ ސާފުކޮށްފައިވާ، މާލޭގެ ފަސް ގެ އެއް ހިމެނެއެވެ. އެގޮތުން އެ ފަސް ގެއިން ޖުމްލަ 17.85 ޓަނުގެ ކުނިވަނީ ނަގާފައެވެ. އެ ގެ ތަކުގެ ތެރޭގައި ހިމެނެނީ މ. ކެލިފޯނިޔާ އިން 4.2 ޓަނު ކުންޏާއި، ހ. މައިނާގެ އިން 5.25 ޓަނުގެ ކުންޏާއި، ގ. ރަބީޢުވިލާ އިން 7.35 ޓަނުނުގެ ކުންޏާއި، މ. ޕެންޒީ ގާރޑެން އިން 0.35 ޓަނުގެ ކުނީގެ އިތުރުން ގ. ހާމަގެ އިން 0.7 ޓަނުގެ ކުންޏެވެ.
މި އޮޕަރޭޝަންގައި މީގެ ކުރިން ވެސް މާލޭގެ ތިން ސަރަހައްދަކުން ވަނީ ކުނިނަގާ ސާފުކޮށްފައެވެ. އެއީ ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓް މަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރި ފަރާތްތައް ހުއްޓުވައި، އެތަން ސާފުކޮށް ނެގި ކުންޏާއި އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއް ކަމަށްވާ އާބުރުޒު މަގު ފުއްކަފަ ގޯޅި ކަންމަތިން ނެގި ކުންޏެވެ.
މާލެ ސިޓީގެ ކޮންމެ މަގެއްވެސް ހިތް ފަސޭހަ ކަމާއެކު އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެކެވެ. މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހި، އެއީ ރައްޔިތުންނަށް ދިމާވާ ބޮޑު މައްސަލައެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއީ މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވެ ތާށިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކުން ކުނިތައް އެޅުމުން އެކި ކަހަލަ ނަޖިސް މަގުތައް މަތީ ފެތުރޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުގެ މަތިން މާލެ އާއި ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ފޯކަސްކޮށްގެން ވަރަށް ބޮޑަށް މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ދެއްވިއެވެ.
ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން މާލެ ސިޓީގެ ކުނި މެނޭޖުކޮށް، ސާފު، ރީތި، ހިތްގައިމު، ސިޓީއަކަށް ހެދުމަށް، މާލެ ސިޓީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް، މަގުތަކާއި ޕާކުތަކާއި މައިޒާން ތަކާއި އަދި ފަޅުތެރެއަށް ވެސް ކުނި ނޭއްޅުއްވުމަށް ލޮބުވެތި ރައްޔިތުންނަށް ކައުންސިލުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ގުޅުންހުރި

ސިޓީ ކައުންސިލުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42.15 ޓަނުގެ ކުނި ނަގައިފި

މާލެ ސިޓީ ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުމަކީ މައްސަލައެއް ނޫން: ޢަރީޝް

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި





