
-
ހުޅުމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއު ދާދި ފަހުން ޗައިނާ ކުންފުންޏަކާއި ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށްކަމަށް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފި އެވެ.

މިމަހުގެ 3 ވަނަ ދުވަހު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އެކުންފުނީން ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. އެޗްޑީސީން މައުލޫމާތު ދޭގޮތުގައި އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ފޭސް 1ގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ތަރައްޤީކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި މަޝްރޫއުގެ އިތުރު ތަފްސީލްތައް ހާމަކޮށް އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަންގެ މަޝްރޫއުއަކީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅާތީ ކުރިޔަށްގެންދަން ނިންމި މަޝްރޫއުއެއް ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ވެސް ހުއްޓާލަން ޖެހުމާއި ގުޅިގެން މަގު ހެދުމުގެ މަޝްރޫއު ސެޓަލްމެންޓު އެގްރިމެންޓެއްގެ ދަށުން އެކުންފުންޏާއި ހަވާލުކުރީ ކަމަށް އެޗްޑީސީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެ ކަމަށާއި އޭގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.
އެޗްޑީސީން ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ގުޅުންހުރި

އެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސަރވިސަސް ތަޢާރަފްކޮށްފި

ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކާ ނިންމަނީ

މަގު ހެދުމުގެ މަޝްރޫއު ޗައިނާ ކުންފުންޏާއި ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް - އެޗްޑީސީ





