
ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކުރި 30 ވަނަ އެއާލައިނަކަށް ޗައިނާ އީސްޓާން!
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިންކަމަށްވާ، ޗައިނާ އީސްޓާން އަށް ޚިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އިން ޗައިނާ އީސްޓާންއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވެލްސްގެ ސްޓޭޝަން މެނޭޖަރު މުޙައްމަދު ފަޔާޒު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބާރާހިމް ޝަރީފު މުހައްމަދު އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޗައިނާ އީސްޓަންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް، MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ޗައިނާ ސަރުކާރުން ހިންގާ ޗައިނާ އީސްޓާން އެއާލައިންސް އަކީ ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ އޭޕްރީލް 28، 2007ގަ އެވެ. މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރުވަނަ އެއާލައިނެވެ.
ޗައިނާ އީސްޓާން އެއާލައިންސްއެކު ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 30 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކުރި 30 ވަނަ އެއާލައިނަކަށް ޗައިނާ އީސްޓާން!

އިއްތިހާދުގެ އޮޕަރޭޝަންތައްވެސް ވީއައިއޭގެ އައު ޓާމިނަލަށް!

އެއާއޭޝިއާގެ އޮޕަރޭޝަންތައް ވީއައިއޭގެ އައު ޓާމިނަލަށް ބަދަލުކޮށްފި





