
ޔޫތު ކައުންސެލިންގ އަދި ހެޕީނެސް ލައުންޖްގެ ޚިދުމަތް ފަށައިފި
# ރައީސް މުއިއްޒު# ޔޫތު ހަބް# ޒުވާނުން# ޔޫތު ކައުންސެލިންގފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
ޒުވާނުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި އުފާވެރި މާހައުލެއް ފޯރުކޮށްދިނުމަށް ހިންގަމުންދާ "ޔޫތު ކައުންސެލިންގ" އަދި "ހެޕީނެސް ލައުންޖް"ގެ ޚިދުމަތް ޔޫތު ހަބަށް ބަދަލުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.

ޔޫތު ހަބަށް މިޚިދުމަތްތައް ބަދަލުކުރުމާއެކު، ޔޫތު ކައުންސެލިންގގެ ޚިދުމަތް ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން މެންދުރުފަހު 02:00 އަށް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ހެޕީނެސް ލައުންޖްގެ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 04:00 އިން ހަވީރު 06:00އަށް ލިބޭނެއެވެ.
މި ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ޚިދުމަތް ދޭ ގަޑިތަކުގައި ޒުވާނުންގެ ހަބަށް ޒިޔާރަތްކޮށްގެންވެސް ޚިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒުވާނުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، މުޖުތަމަޢުގައި އުފާވެރިކަން ފަތުރުވުމަށް މިފަދަ ހިދުމަތްތަކަކީ ވަރަށް މުހިންމު ހިދުމަތެއްގެ ގޮތުގައި މިނިސްޓްރީން ދެކެއެވެ.
މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ނިންމަވައި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، "ޒުވާނުންގެ ތަރޑް ސްޕޭސް" ގެ ގޮތުގައި އެ ސަރަޙައްދު ތަރައްޤީކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
"ޒުވާނުންގެ ވެހި" ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.
މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތުވެސް، ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވި ޒުވާނުންގެ ވެހިން ފަހިވެގެންދާނެއެވެ.
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަޙައްދަކަށްވާއިރު، އިތުރު ޚަރަދަކާ ނުލައި، ސްޓޫޑަންޓް އައި.ޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.
ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުޞަތުތަކެއް ޒުވާނުންގެ ވެހިން ލިބެން ހުންނާނެއެވެ. އެގޮތުން ކުރެހުންތެރިންނަށް ޚާއްޞަ ސަރަޙައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން، ޚާއްޞަ އިސްކަމެއްދެއްވައިގެން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު"ގެ ޚިދުމަތްތައް ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ޒުވާނުންނާ ގުޅުންހުރި ގިނަ ޚިދުމަތްތަކަކާއި ފުރުޞަތުތަކެއް، މި މަރުކަޒުން ލިބެން ހުންނާނެއެވެ.







