
-
ތުއްތު ކުދިން ހެދިބޮޑުވަމުންދާގޮތް ބަލާ މޮނިޓަރ ކުރަމުންދާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް މައިލްސްޓޯންތައް ޙާޞިލުވުމުގައި އިތުރު އެހީތެރިވުމެއް ބޭނުންވާ ކުދިން ދުރާލާ ދެނެގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތައްޔާރު ކުރެވިފައިވާ 'ޑިވެލޮޕްމަންޓަލް ޓްރެކިންގ ފޯމް' މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ފޯމް 2027 ވަނަ އަހަރުން ފެށިގެން ކުއްޖާ ސްކޫލަށް ވަންނައިރު ފުރިހަމަ ކުރަން ޖެހޭ ފޯމެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. މި ފޯމަކީ ކުދިންގެ ހެދިބޮޑުވުމުގެ ތެރޭގައި ދިމާވެދާނެ އެކި ހުރަސްތަކާއި ގޮންޖެހުންތައް ދުރާލާ ދެނެގަނެ، އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިއްހީ ދާއިރާއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިއްހަތާބެހޭ ވަޒީރު ފާހަގަކުރެއްވީ، އުމުރުގެ ފުރަތަމަ އަހަރުތަކަކީ ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި ބުއްދީގެ ކުރިއެރުން ބައްޓަންވެ، ފުރާވަރުގެ ދުވަސްވަރުގައި ކާމިޔާބީގެ ބިންގާ އެޅޭ ވަރަށް މުހިންމު މަރުހަލާއެއް ކަމުގައެވެ.
ވީމާ، މި ދުވަސްވަރު ކުދިންގެ ހެދިބޮޑުވުމަށް ޚާއްސަ ސަމާލުކަމެއް ދީ، އެ ދުވަސްވަރު ފެންނަ ތަފާތުތައް ދުރާލާ ދެނެގަތުމަކީ ނުހަނު އަހައްމިއްޔަތުކަން ދޭންޖެހޭ ކަމެކެވެ. އުމުރުގެ ކުރީކޮޅުގައި ހެދިބޮޑުވުމުގައި ހުންނަ ލަސްވުންތައް ދުރާލާ ދެނެގަތުމަކީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލުކަން ހޯދުމުގެ މަގު ފަހިކޮށްދޭނެ ކަމެކެވެ. ކުދިންގެ ހެދިބޮޑުވުމުގެ ހުރަސްތަކެއް ހުރިނަމަ އެކަން ދުރާލާ އެނގިގެންދިއުމަކީ، އެކުދިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ފަރުވާ އަވަހަށް ފަށައިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
މިކަމަކީ ހަމައެކަނި ސަރުކާރު ނުވަތަ ސިއްހީ ދާއިރާގެ ޒިންމާއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި އާއިލާތަކާއި މުޖުތަމައު އަދި ސިއްހީ ނިޒާމުގެ މެދުގައި ހިއްސާކުރެވޭ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. މި ފޯމުގެ ސަބަބުން މި ހުރިހާ ފަރާތްތަކަކަށްވެސް ކުދިންގެ ހެދިބޮޑުވުމުގެ މަރުހަލާތައް މޮނިޓަރ ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.
މިއަދު ތަޢާރަފުކުރެވުނު ޑިވެލޮޕްމެންޓަލް މައިލްސްޓޯން ޓްރެކިން ފޯމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ސިއްހީ ހިތުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށް ކުރިއަށް ގެންދާ ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯޝަން ނުވަތަ ކުޑަކުދިން ކިރާ ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރެވުނު ވަރަށް މުހިއްމު މަސައްކަތެކެވެ. މި ފޯމުގެ ސަބަބުން ހުރިހާ ކުދިން ޝާމިލުވާނޭހެން ކުދިންގެ ހެދިބޮޑުވުން މޮނިޓަރ ކުރުމަށް މަގުފަހި ވެގެންދާނެއެވެ.
ތުއްތު ކުދިން ހެދިބޮޑުވަމުންދާގޮތް ބެލުމުގެ ޕްރޮގްރާމް ނުވަތަ ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯޝަން ޕްރޮގްރާމަކީ ، އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން، ކުރިއަށް ގެންދާ ވަރަށް މުހިއްމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ފާއިތުވި އަހަރުތަކުތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯޝަން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ތުއްތު ކުދިން ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެ، އެކުދިންނަށް ދޭންވާ އެހީތެރިކަން ވީހާ އަވަހަށް ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމްގެ ދަށުން، ފަސް އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރާއި ކުއްޖާގެ ހިއްސުތައް ތަރައްޤީވާ މިންވަރު، މި ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެކި ސިއްހީ މަރުކަޒުތަކުން ބަލާ މޮނިޓަރ ކުރަމުން ގެންދެއެވެ. މިކަމަށްޓަކައި ބޭނުންކުރާ މައިގަނޑު ޓޫލްއަކީ، ޗައިލްޑް ހެލްތު ރެކޯޑެވެ. މި ފޮތް މިހާރު ވަނީ ޑިޖިޓަލައިޒް ކުރެވިފައެވެ. މިގޮތުން، ޑީ.އެޗް.އައި.އެސް 2 ގެ ޗައިލް ނިއުޓްރިޝަން،ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް ތަޢާރަފު ކުރެވި ، ޖަނަވަރީ 2025 ން ޑާޓާ އެންޓްރީކުރުން ވަނީ ފެށިފައެވެ. އަދި މޮޑިއުލް ޕައިލެޓް ކުރުމާއެކު، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ، ކަމާގުޅުންހުރި ބޭފުޅުންނަށް ވަނީ ތަމްރީނު ޕްރޮގްރާމްތައް ހިންގިފައެވެ. މީގެ އިތުރުން، ބެލެނިވެރިންނަށް ކުއްޖާގެ ހެދިބޮޑުވުމުގެ މަޢުލޫމާތާއި އެހެނިހެން ޞިއްޙީ މަޢުލޫމާތުތައް ޕޯޓަލް މެދުވެރިކޮށް ފެންނާނެއެވެ. މި ފަސޭހަތަކާއެކުވެސް ހުރި ގޮންޖެހުމަކީ 5 އަހަރު ވަންދެން ކުއްޖާ ހެދިބޮޑުވަމުންދާގޮތް ބެލުމަށް ގެންނަ ކުދިންގެ ޢަދަދު މަދުވުމެވެ. މިކަމުގެ ސަބަބުން، ކުދިންނަށް ދިމާވެދާނެ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމަށް ހުރަސްތައް ކުރިމަތިވެ ކުއްޖާގެ ތަޢުލީމީ ޙަޔާތް ފަށާއިރުވެސް އެކި ގޮންޖެހުންތައް ދިމާވެއެވެ.
ހެދިބޮޑުވުމުގެ މައްސަލަތައް ހުންނަ ކުދިން ދުރާލާ ދެނެގަތުމަށް ފަހު، މިފަދަ ކުދިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިފަރ ކުރެވި، މި ކުދިންނަށް ބޭނުންވާ އިވެލުއޭޝަން، ރިހެބިލިޓޭޝަން އަދި ތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި އިތުރު ގޮންޖެހުންތައްވެސް އަވަސް މިނެއްގައި ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ކުޑަކުދިން ކިރުމާއި ހެދިބޮޑުވަމުންދާގޮތް ބެލުމަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދެކި، އެންމެންއެކީ މަސައްކަތް ކޮށްފިނަމަ ކޮންމެ ކުއްޖަކަށްވެސް ފަހި މުސްތަޤްބަލެއް ހޯދާދީ އުފެއްދުންތެރި ޖީލެއް ބިނާ ކުރެވިދާނެ ކަމުގެ އުއްމީދު އެބައޮތެވެ. މިކަމަށްޓަކައި މައިންބަފައިންނާއި، މުޖުތަމައާއި، ސަރުކާރުގެ އިތުރުން ސިއްހީ ދާއިރާގެ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެކެވެ.
ޕީޑިއޭޓްރިޝަންސް، ސައިކޮލޮޖިސްޓުން،ޑައެޓީޝަނުން އަދި ތެރަޕިސްޓުން ފަދަ ސްޕެޝަލިސްޓުންނާ ގުޅިގެން މަލްޓިޑިސިޕްލިނަރީ އިވެލުއޭޝަނަކަށް މަސައްކަތްކޮށް، ސްކޫލްތަކާއި މުޖްތަމަޢުގެ ތެރެއިންވެސް ކުދިންނަށް އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. މިގޮތުން، ކުއްޖާގެ ބޭނުންތަކާ އެކަށީގެންވާ ފަރުވާތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ގުޅުންހުރި

ދިއްފުށީގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި

ޑިވެލޮޕްމަންޓަލް ޓްރެކިންގ ފޯމް' ރަސްމީކޮށް އިފްތިތާޙުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި





