
ސަނީ އުމަރު:- ފޮޓޯ: ޝުމްބާ ގޮންގް
ފަތުރުވެރިކަމުގެ ދާއިރާ މާކެޓު ކުރުމުގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފި އެވެ.

ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށި އިރު ސަނީ އުމަރު ހުރީ ރާއްޖެއިން ބޭރުގައި އެވެ. ނަމަވެސް މިއަދު ހަވީރު އޭނާ ރާއްޖެ އައުމާއިއެކު ފުލުހުން ވަނީ އޭނާގެ ބަޔާން ނެގުމަށް އެއާޕޯޓުން ފުލުހުންގެ ހިމާޔަތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އުނިޓަށް ހާޒިރުކޮށްފައެވެ.
އަދި ގިނަ އިރުތަކެއް ވަންދެން އޭނާގެ ބަޔާން ނެގުމަށްފަހު ސަނީ އުމަރު އޭނާ ދިރިއުޅޭ ގެއަށް ގެންގޮސްދިނީވެސް ފުލުހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ އެއާޕޯޓުން ކަމަށެވެ.
އިތުރުބާރު ހުރި މަސްދަރަކުން ގާފު ނޫހަށް މައުލޫމާތު ދިން ގޮތުގައި ސަނީ އުމަރު ހައްޔަރުކޮށްފައިވަނީ މިރޭ އޭނާ ރާއްޖެއިން ބޭރަށް ފުރަން މަސައްކަތްކުރަނިކޮށް ފްލައިޓަށް އޭނާ އެރިވެސް ފަހުން ފުލުހުންގެ ޓީމެއް ފްލައިޓަށް އަރައެވެ. ނަމަވެސް އެކަން ރަސްމީކޮށް ފުލުހުން އަދި މިހާތަނަށް ކަށަވަރުކޮށްނުދެއެވެ.
ސަނީ އުމަރަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އެއް ހިއްސާދާރެވެ. ނަމަވެސް ޖިންގީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު އޭނާޣެ ހިއްސާ އަތުލަން ނިންމާފައިވާކަން އެކުންފުނީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.







