logoEN
Sto top
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

އަހުމަދު ޝުރާއު

logo

12/1/2025, 9:47:18 AM

# ރައީސް މުއިއްޒު

-

އަތޮޅު ކައުންސިލްތައް އުވާލުމަށާއި އިދާރާ ދާއިރާތަކާއި ގުޅޭ ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

Wamco

ރައީސް މިއަދު ތަސްދީގު ކުރެެއްވީ އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވ.

ރައްޔިތުންގެ މަޖިލީހުން މި ތިން ބިލުވެސް ފާސްކުރައްވާފައިވަނީ، 2025 ނޮވެންބަރު 25 ވީ އަންގާރަ ދުވަހު ކުރިއަށްގެންދިޔަ، އެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނައި 7 ވަނަ އިސްލާހާއިއެކު ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ ނިޒާމުގެ ބައެއްގެ ގޮތުގައި އިދާރީ ދާއިރާތައް ހިންގުމަށް އަތޮޅު ކައުންސިލުތައް އުފެއްދުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލާޒިމްކުރާކުރުން ވަނީ އުވާލާފައެވެ. އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭ ކަންކަން ތަންފީޒުވާނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައެވެ. އަދި އަލަށް އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު ފެށެންދެން މިހާރު އޮތް އަތޮޅު ކައުންސިލްތައް ދެމިއޮންނާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނައި 8 ވަނަ އިސްލާހާއިއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައި އިސްލާޙްކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ. ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުޠު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ. މީގެ އިތުރުން، ކައުންސިލްތައް އެކުލެވިގެންވާ ގޮތްވެސް ވަނީ އިޞްލާޙުކުރައްވާފައެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 (ތިނެއް) މެންބަރުން (އަންހެން 1) އަދި 2000 (ދެހާސް) އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިޚާބުކުރާނީ 5 (ފަހެއް) މެންބަރުން (އަންހެން 2) ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދާ އެއް ޢަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) 1 (އެކެއް) ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. މީގެ އިތުރުން، ސިޓީ ކައުންސިލްގެ އިންތިޚާބުތަކުގައި އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުޞޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލުގެ ދަށުން ކަމަށް މި އިޞްލާޙުގައި ވެއެވެ. މި އިޞްލާޙާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއްކަމަށާއި، އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ، ފުލްޓައިމް މެންބަރެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މި އިޞްލާޙާއެކު ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ގޮތްތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ވަނީ ހިމަނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC