.jpg&w=3840&q=75)
ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދަނިކޮށް ވެއްޓުނު ލަންކާގެ އަސްކަރީ ހެލިކޮޕްޓަރުގެ ޕައިލެޓު މަރުވެއްޖެ
# ސްރީލަންކާލަންކާއަށް އެރި ބާރުގަދަ ތޫފާނާއި ގުޅިގެން ރެސްކިއު އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދަނިކޮށް ވެއްޓުނު ލަންކާގެ އަސްކަރީ ހެލިކޮޕްޓަރުގެ ޕައިލެޓު މަރުވެއްޖެ އެވެ.

ލަންކާގެ ވައިގެ ސިފައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދަނިކޮށް ލުނުވިލާ އާއި ވެންނަޕުއާ ދެމެދު އޮތް ސަރަހައްދަކަށް ވެއްޓުނު ލަންކާ އެއާފޯސްގެ ބެލް 212 މަރުކާގެ ހެލިކޮޕްޓަރުގެ ޕައިލެޓް ވިންގ ކޮމާންޑަރ ނިރްމަލް ސިޔަމްބަލާޕިތިޔާ މަރުވެފައިވާ ކަމަށެވެ.
މި ހެލިކޮޕްޓަރު ވެއްޓުނީ ފެންބޮޑުވި ސަރަހައްދުތަކުގައި އިމަޖެންސީ ރިލީފް އޮޕަރޭޝަނެއްގެ ތެރެއިންކަން ކަށަވަރުކޮށްދެމުން އޮފިޝަލުން ބުނި ގޮތުގައި ހެލިކޮޕްޓަރަށް މައްސަލަ ދިމާވުމާއިއެކު ޕައިލެޓް ވަނީ މީހުން ތިބި ސަރަހައްދާއި ދުރަށް ހެލިކޮޕްޓަރު ޖެއްސުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެވަގުތު އޮޕަރޭޝަން ކުރިޔަށްދިޔައީ ފެންބޮޑުވެ ގެއްލުންވެފައި އޮތް ބްރިޖެއް ކައިރީގައި ކަމުން ހެލިކޮޕްޓަރު ވީހާވެސް އާންމުންނާއި ދުރަށް ޖެއްސުމަށް ޕައިލެޓް މަސައްކަތްކުރި ކަމަށާއި ކޮންޓްރޯލް ގެއްލި ހެލިކޮޕްޓަރު ވެއްޓުނީ ބްރިޖާއި ކައިރީގައި ހުރި ގަސްތަކެއްގެ ތެރެއަށް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި މި ހާދިސާގައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕައިލެޓް ނިރްމަލް ކުރި މަސައްކަތަށްވެސް އޮފިޝަލުން ވަނީ ތައުރީފްކޮށްފައި އެވެ.
ބޯޓު ވެއްޓުނު އިރު ވިންގ ކޮމާންޑަރު ނިރްމަލްއާއިއެކު ބޯޓުގައި އިތުރު 4 ސިފައިން ތިއްބެވެ. އެމީހުންނަށްވެސް މިހާރު ދަނީ ފަރުވާދެމުންނެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ކާރިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ ކާރިސާގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި ގެއްލުނު މީހުންގެ އަދަދުވެސް މިވަގުތާއި ހަމައަށް 310 އަށް އަރާފައިވާ ކަމަށެވެ.
ބޯކޮށް ވާރޭވެހި މަގުތައް ހަލާކުވެ، ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކެނޑިގެން ދިޔަ ނަމަވެސް މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މޫސުން ރަނގަޅުވާން ފެށިނަމަވެސް ކޯރުތައް ބަންޑުންޖަހާލައި ބިންގަނޑަށް އޭގެ އަސަރުކޮށް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތަކެއް މިއަދު ލަންކާގެ އެކި ކަންކޮޅުތަކުގައި ދަނީ ހިނގަމުންނެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ފުރުސަތު ބޮޑު ލަންކާގެ އާބާދީތައްވެސް ބޮޑު ބައެއް ސަރަހައްދުތައް ހިމެނޭހެން ގިނަ ސަރަހައްދުތަކެއް އަންނަނީ ހުސްކުރަމުންނެވެ.
މި ތޫފާނުގެ ސަބަބުން ލަންކާގެ ސެންޓްރަލް، ސަބަރަގަމުވާ، ނޯތު ވެސްޓަރން އަދި ނޯތު ސެންޓްރަލް ޕްރޮވިންސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހި، އަސާސީ ހިދުމަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ޓްރައި ފޯސަސް، ޕޮލިސް، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޓީމުތަކާއި ވޮލަންޓިއަރުން ދަނީ އެކަހެރި ކޮމިއުނިޓީތަކާ ހަމައަށް ވާސިލުވުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.
އަދި މި އޮޕަރޭޝަންތައް އަދިވެސް ކުރިޔަށްދިޔުމާއިއެކު ފެންބޮޑުވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.







