
ރައީސް މުއިއްޒުގެ މާލީ ސިޔާސަތު ވަރަށްވެސް ހަރުދަނާ: މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް "ސްޓޭބަލް" އަށް!
# މޫޑީސް ރޭޓިންގ-
ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ.

މާލީ ވުޒާރާއިން މިއަދު ބުނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށާއި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް މިކަމުން ފެންނަ ކަމަށެވެ.
މިގޮތުން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ޚަރަދުތައް ބައްޓަން ކޮށްފައިވާތީ، ޚަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު ހުރީ އިތުރުވެފައި ކަމުން ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އައީ ފާހަގަކުރަމުން ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައި އެވެ.
އައުޓްލުކް ބަދަލުކުރުމާއި ގުޅޭގޮތުން މޫޑީޒްއިން ނެރުނު ބަޔާނުގައި ވިދާލުވީ ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ކަމަށާއި އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާ ކަމަށެވެ.
ހަމައެއާއިއެކު މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ އަދަދު 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއެކު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް، މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައިކަމަށް މޫޑީޒްގެ ބަޔާނުގައިވެއެވެ.
މޫޑީޒްއިން އިތުރަށް ފާހަގަކުރި ގޮތުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ހިފަހައްޓައި މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކޮށްފައިވެއެވެ.






