
--
މޫޑީސް ރޭޓިންގއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަރ ރޭޓިންގ ސީއޭއޭ 2 ގައި ދަމަހައްޓައިފިއެވެ.

މޫޑީޒްއިން މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ރޭޓިން ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަ ނަމަވެސް ފަތުރުވެރިކަން އަލުން ކުރިއަރައި، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ. މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ ފުރުޞަތުތައް ފަހިވެފައިވާ ކަމުގައި ކަމަށްވެސް މޫޑީސްގެ ރިވިއުގައި ބުނެފައި ވެއެވެ.
އޮކްޓޯބަރ 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން ފާހަގަކޮށް މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިޞްލާޙުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާކަމަށް މޫޑީސްގެ ރިވިއުގައި ބަޔާންކޮށްފައިވެއެވެ.
މޫޑީސްގެ ރިވިއުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ. މިއާއެކު އެމެރިކާގެ އިޤްތިޞާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަޤީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަޤްވާމީ މާކެޓުން ފައިނޭންސިންގ ހޯދުމަށް ހުރި ގޮންޖެހުންތައްވެސް މި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސްއިން ރޭޓިންގ ދަމަހައްޓަން ނިންމި އިރު ރާއްޖެއިން ދަނީ ދައްކަންޖެހޭ ދަރަނިތައް ޤަވާއިދުން ދައްކަމުންނެވެ. އެގޮތުން، ބޭރުގެ ފަރާތަކުން ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ލޯނެއް މިއަހަރުގެ މާރިޗް މަހު އަނބުރާ ވަނީ ދައްކާފައެވެ.
މޫޑީސްއިން ބުނީ، ރާއްޖޭގެ ރޭޓިން އަޕްގްރޭޑު ކުރެވޭނީ، ފިސްކަލް ރިފޯމުތައް އެންމެ ފުރިހަމައަށް ގެނެސްގެން ކަމަށެވެ. އަދި އާ ރޭޓިންއެއް ކަނޑައަޅާ އިރު އަންނަ އަހަރުގެ ބޮޑު ދަރަނި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފައިނޭންސިން ހޯދިފައިވާ ވަރު ވެސް ބަލާނެ ކަމަށް މޫޑީސް އިން ބުނެފައިވެ އެވެ. މޫޑީސްއިން ރޭޓިން އަޕްޑޭޓު ކުރާނީ އަންނަ މަހު ނުވަތަ އަންނަ ސެޕްޓެމްބަރު މަހު އެވެ.