
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ ބ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް މިއަދުގެ 14:00 އިން ފެށިގެން މިރޭގެ20:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް ވަނީ ބުނެފައި އެވެ.
މިއީ އިންޑިއާ އާއި ސްރީ ލަންކާ ކައިރިން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައެކެވެ.





