
އާޒިމާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ އަނބުރާ ގެނެސްފި
# އާޒިމާ ޝަކޫރު-
ރައީސް ޔާމީންގެ ވެރިކަމުގައި އީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރުކަން ކުރެއްވި ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާއި ގުޅިގެން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ 2015 ވަނަ ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުރި މ. އާސްތާނާ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ 17 ފެބްރުވަރީ 2019 ދުވަހު އެއޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.،
އެގޮތުން މި ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ޢާއިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ޕީޖީ އޮފީހުގައި ވަނީ އެދިފައި އެވެ.
އާޒިމާގެ ފަރާތުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.
އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.






