
-
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ ގައުމީ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

ސަރުކާރުން މި ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ. އެމްޓީސީސީއާއި އެވެ.
އެގޮތުން އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުންނާއި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އިޢުލާނުކުރާ ކަމަށާއިޖުމުލަ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވާ ކަމަށެވެ.
އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
އެމްޓީސީސީން ވަނީ ޑްރައިވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. ވަކީން ޚާއްސަކޮށް މި ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭން އެމްޓީސީސީން ވަނީ ނިންމާފައި އެވެ.
ސަރުކާރުގެ ޓެކްސީ ލައިންއާއި އެކު ޓެކްސީގެ ހިދުމަތް މިހާރު ދެމުން އަންނަ ފަރާތްތަކަށް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށް އެއްބަޔަކު ބުނަމުން އަންނަ އިރު އެކަމަށް ރައްދު ދެއްވައި ސަރުކާރުން ބުނާގޮތުގައި ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފުކުރެވުނު ނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތްދޭ ޑްރައިވަރުންނަށް އެއްވެސް ދެރަގޮތެއް ނުވާނެ އެވެ. އަދި މިހާރު ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ޚިދުމަތް ދިނުމާއި ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިންގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ބާރު އެޅުއްވުން ކަމަށްވެސް ސަރުކާރުން ބުނެއެވެ.
ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އަމިއްލަ ކާރުގައި ނުވަތަ ކުއްޔަށް ކާރު ނަގައިގެން ޚިދުމަތް ދޭއިރު މެއިންޓަންސްފަދަ ކަންކަމަށް ބޮޑެތި ޚަރަދުކުރަންޖެހޭ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނާ ގުޅުމުން އެފަދަ ޚަރަދެއް ކުރަން ނުޖެހި، ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ސަރުކރުން ބުނެއެވެ. އަދި އަދާކުރާ ވަޒީފާގެ އިތުރަށް ހުސްވަގުތުތަކުގައި ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަަތުވެސް ލިބިގެންދާނެ ކަމަށާއި، %50 ފުރުޞަތު ޚާއްސަކޮށްފައިވަނީ އެފަދަ ފަރާތްތަކަށް ކަމަށެވެ.
ސަރުކާރުން މި ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައިއެވެ.
ގުޅުންހުރި

ހުޅުދެލީ ޞިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

14 ރަށެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކެއް އެމްޓީސީސީއަށް!

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި





