
އަންނަ އަހަރުން ފެށިގެން، ހުރިހާ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އަންނަ އަހަރުން ފެށިގެން، ހައްޖު މޫސުމުގައި ހުރިހާ ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު މީޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނީ މިއަންނަ ހައްޖުން ފެށިގެން، ހައްޖު މޫސުމުގައި އެންމެހައި ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
މިއާއިއެކު ކަތިލުމަށް ފައިސާ ދައްކަން ޖެހެނީ ވެސް ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެ ޤައުމެއްގެ ހައްޖު މިޝަން މެދުވެެރިކޮށް ސައުދީގެ ހައްޖު މިނިސްޓްރީއަށް ކަމަށާއި ކުރިން މިކަން ކުރަމުންދިޔައީ ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކަމަށް ވުޒާރާއިން ބުނެއެވެ.
މި ގެނެވުނު ބަދަލުން ދެން ކުރިއަށް ދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން އުޟްޙިޔާއާއި ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުން. ކަތިލުމަށް ފަހު ފަޤީރުންނަށް މަސް ބެހުމުގެ ކަންތައް ވެސް ގެންދާނީ އެ ކޮމިޝަނުން ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައި އެވެ.
މީގެ އިތުރުން އެޤައުމެއްގެ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުމުގެ ވީޑިއޯ ވެސް މިޝަނުން ބޭނުން ނަމަ ޙިއްސާކުރާނެ ކަމަށާއި އަދި ހައްޖުވެރިން ކާން ބޭނުންކުރުމަށް މިޝަނުން ބޭނުން ނަމަ މަސްވެސް ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މި ބަދަލު ރަސްމީކޮށް ގެނައުމަށްޓަކައި އިއްޔެ ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ ގައުމުތަކުގެ ހައްޖު މިޝަންތަކުގެ ވެރިންނާއި މިކަމާ ގުޅޭ ގޮތުން ބައްދަލުކޮށްފައި އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ބައިވެރިވި އިރު ރާއްޖޭގެ ހައްޖު މިޝަނުންވަނީ މިކަމަށް މަރުހަބާ ކިޔައި މިބަދަލަކީ ވަރަށް ރަނގަޅު ބަދަލެއްކަމުގައި ހާމަކޮށްފައިއެވެ.
ގުޅުންހުރި

އަންނަ އަހަރުން ފެށިގެން، ހުރިހާ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން!

ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި

އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުންދީފި





