
ބީއެމްއެލުން ރާއްޖޭގައި ކިއުއާރ ކޯޑު ސްކޭންކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިފި
# ބީއެމްއެލް-
ބޭންކް އޮފް މޯލްޑިވްސް އިން ފަސޭހަ އަދި އަވަހަށް ޓްރާންސްފަރ ކުރެވޭ ގޮތަށް ޕޭއެމްވީ ކިއުއާރގެ ޚިދުމަތް ފަށައިފިއެވެ.

މި ފީޗާއިން ބޭންކުގެ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރ ކޯޑު ސްކޭންކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެއެވެ.
މިއަދު ބޭންކުން މި ޚިދުމަތް ތައާރަފުކުރުމާއެކު ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އައު މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫޢުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށެވެ. މި މުހިންމު ކާމިޔާބީއިން، ރާއްޖޭގެ ޕޭމަންޓް ޓެކްލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދާކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑަރޑްއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދުދެއްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާ ގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އުފާކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.
"މިއަދުން ފެށިގެން ކިއުއާރ ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރ ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ." ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

މާލެ ސަރަހައްދުގައި 3000 ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާއި ހަވާލުކޮށްފި

ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ބީއެމްއެލުން ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި

ބީއެމްއެލްގެ ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި





