logoEN
Sto top
ޖުމްހޫރީ ވެރިކަމުގެ ފެށުން.

ޖުމްހޫރީ ވެރިކަމުގެ ފެށުން.

# ޖުމްހޫރީ ދުވަސް

-

ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމަކާ ދިމާލަށް ކުރި ދަތުރުގެ ފެށުން އައީ މީގެ 82 އަހަރުކުރިންނެވެ. 

Wamco

އެއީ މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތިޢުފާ ދެއްވި ހިސާބުންނެވެ. މި ހިސާބުން ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވެއްޓިގެން ދިއައީ ހުސްކަމެއްގެ ތެރެއަށެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ. އެކަމަކު ދެންވެސް ތަޚުތު ހުރީ ފަޅަށެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުމުގެ މަސައްކަތްތަކެއް ފެށުނެވެ. އެގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ނަމަވެސް ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ހާލަތު އޭރު އޮތްގޮތުން ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙައްމަދު އަމީން ބޭނުންފުޅެއް ނުވިއެވެ. އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ތިލަފަތުން ކިރަން ފެށިއްޖެއެވެ. 

އެގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވީ 1 ޖެނުއަރީ 1953 ގައެވެ. މި ޖުމްހޫރިއްޔާގެ ހަމައެކަނި ރައީސަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެހެންނަމަވެސް މި ޖުމްހޫރިއްޔާ އަދި މުޙައްމަދު އަމީނުގެ ވެރިކަން ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހުއެވެ. 7 މާރިޗު 1954 ގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.

މުޙައްމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ޚިޔާލުތައް، 1965ގައި ރާއްޖެ މިނވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މިޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރިއްޔަތަށެވެ. 

މިއާއެކު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ މި ދުވަހާގުޅުވައިގެންނެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހެއްދެވިއެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ. 

ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުޞޫލުތަކުންނެވެ. އެ އުސޫލުތައްވާން ޖެހެނީ އެ ޤައުމެއްގެ ޤާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުޞޫލުތަކަކަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ޤައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާޢީދާއެކު އިންތިޚާބު ކުރުމެވެ. 

” ތާޖާ ތަހްތާ ދޫކޮށްލާ، ޤައުމައިގެން ފަރުދުން ހޭލާ

ރައްޔިތުނަށް އާރާބާރާ، ހޯދި ފުރިހަމަ އިހްތިޔާރާ “

E living
ކޮމެންޓް
E living
ފަހުގެ
HDC