
-
ކޮރަޕްޝަންގެ ތުހުމަތެއްގައި މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ފޮނުއްވި ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެސިޓީގައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކުރައްވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެގޮތުން މަގާމުން ވަކިކުރެއްވި ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރޭގައި މަޙްމޫދު ރިޔާޒް ހިމެނިވަޑައިގަންނަވައެވެ.
މި މައްސަލައާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވަނިކޮށް ރޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުއްލި ބައްދަލުވުމެއް ބާއްވައި އެމައްސަލާގައި މަހުމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަން ކޮމެޓީއަށް ފާހަގަކުރެވިފައިވާކަމަށާއި އެހެން ކަމުން އޭނާގެ މަގާމު އަލުން އިޔާދަކުރުމަށް ރައީސްގެ އަރިހުގައި އެދުމަށް ފާސްކޮށްފައި އެވެ.
މިއާއިއެކު ރޭ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަޙްޤީޤަކާ ގުޅިގެން މަޤާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ވަޒީފާ އަލުން އިޔާދަކުރުމާއިއެކު މަޙްމޫދު ރިޔާޒް ވަނީ މިއަދުން ފެށިގެން ވަޒީފާއަށް ނުކުންނަވަން ފަށާފައި އެވެ.
ގުޅުންހުރި





