
15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާބެހޭ ގާނޫނު އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފި
# ރައްޔިތުންގެ މަޖިލިސް-
15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާބެހޭ ގާނޫނު އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފި އެވެ.

ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ޝަރުތު ދަށްކޮށް މަތީ ތައުލީމާބެހޭ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުެއްވީ މާފަންނު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
މިއަދުގެ މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި މި ގާނޫނަށް ގެންނަ އިސްލާހުގެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުންނެވެ.
މަތީ ތައުލީމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލުވެވޭނީ މަދުވެގެން 20 އަހަރު ހިންގާފައިވާ ކޮލެޖްތަކަށެވެ. ނަމަވެސް މިއަދު އިސްލާހު ވެގެންދިޔަ ގާނޫނާއިއެކު މެދުނުކެނޑި ހިންގަމުންދާތާ 15 އަހަރު ވެފައިވާ ކޮލެޖްތައް ނުވަތަ ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ގަބޫލުކުރާ ޔުނިވާސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާނަމަ ރާއްޖޭގައި ޔުނިވާސިޓީއެއްގެ ޝަރުތު ފުރިހަމަވާނެއެވެ.
ކޮލެޖެެއް ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގައި ކޮލެޖް ހިންގި މުއްދަތުގެ ޝަރުތު ދަށްކުރި ނަމަވެސް، ޔުނިވާސިޓީއަކަށް ބަދަލު ކުރާއިރު ފުރިހަމަވާން ޖެހޭ އެހެން ގިނަ ކަންތައްތަކެއް އެ ބިލްގައި ކަނޑައަޅާފައިވެ އެވެ. މިގޮތުން ގައުމީ ސަނަދުތަކުގެ ލެވެލް 7 އަދި 9 ގެ ކޯސްތައް އެ ބިލްގައި ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއަކުން ހިންގުން ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ކޯސްތައް ހިންގުމާއި ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ދިއުމާއި ބޭރުގެ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި ނުވަތަ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމަކީ ވެސް ޝަރުތެކެވެ.
ހަމައެއާއިއެކު އެކަޑަމިކް މުވައްޒަފުންގެ 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ވުމާއި ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗްތައް ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާއެކު ހިންގުމުގެ ތަޖްރިބާ ލިބިފައިވުމާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ޔުނިވާސިޓީތަކުގެ މިންގަނޑަށް ފެތޭ ތަނަކަށް ވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބިލުގައިވެއެވެ.
މިއަދު ގާނޫނަށް ގެނައި އިސްލާހާއިއެކު ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމުގެ މުއްދަތު ހަމަވާ ކޮލެޖުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ކޮލެޖު، ވިލާ ކޮލެޖު ހިމެނެއެވެ. އެގޮތުން މިއަހަރު ވިލާ ކޮލެޖަށް 18 އަހަރު ވަނީ ވެފައި އެވެ.
ގުޅުންހުރި

15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ ގޮތަށް މަތީ ތައުލީމާބެހޭ ގާނޫނު އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފި

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ރިޔާސަތު ބެލެހެއްޓުން ރާއްޖެއަށް!

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ބާބަޑޯސްއަށް!





