
ސައުދީ ފަންޑުގެ އެހީގައި ފުވައްމުލަކުގައި ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މޭ-ޖޫން ތެރޭގައި ފެށޭނެ - ރައީސް
# ފުވައްމުލައް ސިޓީ-
ފުވައްމުލަކުގައި ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަޢޫދީ ފަންޑުން ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެންމެ ލަސްވެގެން އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައި އެވެ.

ރައީސް މިކަން ހާމަކުރެއްވީ ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ފުވައްމުލަކު ސިޓީގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް ހާމަކުރައްވައި ރައީސް ވިދާޅުވީ ޓަރޝަރީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާއަށެވެ. ފުވައްމުލަކު ސިޓީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަޢޫދީ ފަންޑުން ހަމަޖެހިފައިވާކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ މެއި-ޖޫން މަހާ ހިސާބުގައި ޢަމަލީ މަސައްކަތް ފެށުމާ ހިސާބަށް ދެވޭނެކަމުގައި ވިދާޅުވެފައެވެ.
އޭގެ ކުރިންވެސް ބައެއް ޚިދުމަތްތައް ފައްޓަވާނެކަމަށާ، މިގޮތުން، ފުވައްމުލަކު ސިޓީގައި މިއަދު ރަސްމީކޮށް ސީޓީ ސްކޭނިންގް ޚިދުމަތް ދޭން ފެށިފަހުން، ރަސްމިއްޔާތުގެ އެ ވަގުތާ ހިސާބަށް އެކަނިވެސް 90 ވަރަކަށް ޕޭޝަންޓުންނަށް ޚިދުމަތް ފޯރުކޮށްދެވިފައިވާކަން، ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށް ވާ އިރު، ކުރިން ބަޔަކާ ހަވާލުކުރެވި، ފުވައްމުލަކު ސިޓީގައި ކުރިއަށް ނުގޮސް އޮތް 400 ހައުސިންގް ޔުނިޓްގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާ، މަސައްކަތް ފަށައިގަނެވިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގައި 500 ހައުސިންގް ޔުނިޓް ތަރައްޤީކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރެއިން، 75 ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ. ވަޢުދުފުޅުގެ ތެރެއިން ބާކީ ހުރި ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފައްޓަވާ، ކުރިން ހަވާލުކުރެވިފައިވާ 400 ހައުސިންގް ޔުނިޓްގެ މަސައްކަތާއެކު މި ދައުރުގެ ތެރޭގައި ޖުމުލަ 900 ހައުސިންގް ޔުނިޓްގެ މަސައްކަތް ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ފުވައްމުލަކު ސިޓީގެ ބަނދަރުގެ މައްސަލައަށްވެސް ފުރިހަމަ ޙައްލެއް ހޯއްދަވައި ދެއްވާނެކަމަށާ، ބަޖެޓުގެ މައްސަލައެއް އެކަމުގައިވެސް ނެތްކަމުގެ ޔަޤީންކަން ރައީސް ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރައްޔިތުންގެ އާމްދަނީ އިތުރުވާނެހެން، ސީދާ އަދި ނުސީދާ ފައިދާ ލިބޭނެފަދައިން ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓާ ތަރައްޤީކުރެއްވުމުގެ ކަންކަންވެސް ކުރިއަށްދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް ދާދި އަވަހަށް ހައްލު ލިބޭނެކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ފެނަކައިން ކުރައްވަމުން ގެންދަވާ ކަމަށާ، އަލަށް ގެނެވޭ ޖަނެރޭޓަރާއެކު ރަމަޟާން މަހުގެ ކުރިއަށް، ކަރަންޓުގެ މައްސަލައަށް ޙައްލު ލިބޭނެކަމުގެ ޚަބަރު، ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އަދި މުޅި ސިޓީއަށް ބޭނުންވާ ކަރަންޓު، އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.
ކުޅިވަރުގެ ރޮނގުންނާއި ޒުވާނުންނަށް ބޭނުންވާ އެކި ދާއިރާތަކުން ސިޓީއަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ ޢުމްރާނީ ގޮތުން ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ ގިނަ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ފުވައްމުލަކު އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި، ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ގާއިމުކުރުމުގެ މަސައްކަތްތައް، ދާދި އަވަހަށް ފެށޭނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ޢަމަލީ ގޮތުން މަސައްކަތް ފެއްޓެވި މަޝްރޫޢުގެ އިތުރުން، ފުވައްމުލަކު ސްކޫލަށް 16 ކުލާސްރޫމާއެކު ލެބްތައް ހިމެނޭހެން އިތުރު ތަރައްޤީ ގެނެސްދެއްވުމުގެ މަޝްރޫޢެއްގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމާއި، ޓިވެޓްގެ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.
ގުޅުންހުރި

މައްސަލަ ހައްލުކޮށް ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފުވައްމުލަކުން ފެނުގެ ހިދުމަތްދޭން ފެށޭނެ - ސަރުކާރު
.jpg&w=3840&q=75)
ފުވައްމުލަކުގައި އިތުރު 75 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު ގްލަޓް އިންވެސްޓްމަންޓާއި ހަވާލުކޮށްފި

ސައުދީ ފަންޑުގެ އެހީގައި ފުވައްމުލަކުގައި ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މޭ-ޖޫން ތެރޭގައި ފެށޭނެ - ރައީސް
.jpg&w=3840&q=75)




