logoEN
Sto top
ސިނގިރޭޓް ކޮންޓެއިނަރު ވައްކަން: ވައްކަންކުރި ގޮތުގެ ތަފްސީލް ހާމަކޮށް ވަގު ސިގިރޭޓުތައް ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

ސިނގިރޭޓް ކޮންޓެއިނަރު ވައްކަން: ވައްކަންކުރި ގޮތުގެ ތަފްސީލް ހާމަކޮށް ވަގު ސިގިރޭޓުތައް ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

އަހުމަދު ޝުރާއު

logo

11/4/2025, 5:37:17 PM

# ސިގްރޭޓް ވައްކަން

-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށްނެގި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން މިރޭ ހާމަކޮށްފި އެވެ.

Wamco

ކަސްޓަމުން އޭޕްރިލް 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި ނަގައިފައިވާ މައްސަލަ، ފުލުހުންނަށް ރިޕޯޓުކުރީ 2025 އޮކްޓޫބަރު 09 ވަނަ ދުވަހުއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 9 މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރި އިރު އަނެއް 2 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 2025 ނޮވެންބަރު 01 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. އެ ދެ މީހުންނަކީ ޙުސައިން ސާމިޙު އާއި އަޙްމަދު ޝަހީމް އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި މިހާތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން 05 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކުރެވިފައިވާކަން މިރޭ ވަނީ ހާމަކޮށްފައެވެ.

ތަހުގީގަށް ހޯދިފައިވާ ބައެއް މައުލޫމާތުތައް ހާމަކުރަމުން ބަޔާނުގައި ބުނީ ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހު ކަމަށެވެ. އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC