
-
ޕްރައިވެޓް ޙުސައިން އާދަމް ( ސނ: 856) އާއި ޕްރައިވެޓް އާދަމް މުހައްމަދު (ގުލްބަކާ) (ސނ: 371) ތިބީ ސިފައިންގޭ މައިގޭޓު ބޭރުގައި ޑިއުޓީގައެވެ. ޕްރައިވެޓް ޙުސައިން އާދަމް ހުރީ ގޭޓުގެ ހުޅަނގު ފަރާތު ޑިއުޓީގައެވެ. އަދި ޕްރައިވެޓް އާދަމް މުހައްމަދު ހުރީ ގޭތުގެ އިރުމަތީ ފަރާތުގެ ޑިއުޓީގައެވެ. ފަތިހުގެ ފިނިކަމާއި ހަމަހިމޭންކަމުގައި ފޯރިމަރަން ތިބި މި ދެބޭކަލުންނަށް ސިހުމެއް ގެނުވީ ފަތިހު 4:15 ގައި އިވުނު ބަޑީގެ އަޑުންނެވެ. އެވަގުތު ބޭރުގޭޓު ހުޅުވާ ލެއްޕުމުގެ ޑިއުޓީގައި ހުރި ޕްރައިވެޓް ޖިހާދު އަހްމަދު (ސނ: 835) ހުސައިން އާދަމް އަތުން ވަޒަނެއް ގޮވިތޯ ސުވާލު ކުރިއެވެ. ”އަހަރެން އަތަކުން ނޫން. މިތަނުގައި ސޯޓުބުރި ލީ ބަޔަކު އެބަ އުޅޭ “ ޕްރައިވެޓް ޙުސައިން އާދަމް ބުންޏެވެ.

އޭގެ 5 މިނެޓު ފަހުން، ގަޑިން 4:20 ހާއިރު ސިފައިންގެ ކުރިމަތިން އޮންނަ ކާނޭޝަންހިނގުމުގެ އުތުރުކޮޅުން ސިފައިންގެ ގޭޓާ ދިމާލަށް ފުލް އޮޓޯގައި ބަޑިޖަހަން ފެށިއެވެ. ފުލް އޮޓޯގައޮ ބަޑި ޖެހުމަކީ، ބަޑީގެ ” ޓްރިގާރ “ ގައި ހިފަހައްޓާއިން ހުރެ، އެއްވެސް ހުއްޓުމެއްނެތި، ފުލުފުލުގައި ވަޒަނަކަށް ފަހު ވަޒަނެއް ދިއުމެވެ. މި ގޮތައް ބަޑި ޖަހާ ކަމުގައިވާ ނަމަ، ބޭނުންވާ ވަޒަން ގިނަވެއެވެ. އަދި ދުށްމަނުންނަށް ހަމަލާތަކުން ރައްކާތެރި ކަވަރިންގ އަޅާ، ހަމަލާ ބަދަލުކުރުމަށް ދަތިވެއެވެ. އެހެންކަމުން މި ފަދަ ހާލަތެއްގައި މަދު ވަޒަނަކުން ދުށްމަނުންނާ ދިވެހި ސިފައިން ކުރިމަތިލާން ޖެހުންވީ އުނދަގޫކަމަކަށެވެ.
ހަމަލާ ބަދަލު ކުރަން ފެށި ގޮތަށް ޑިއުޓީގައި ހުރި ޕްރައިވެޓް ޖިހާދު އަހްމަދު ޙުސައިން އާދަމަށް ގޮވާ އެތެރެއަށް ވަންނާށޭ ބުނުމުން، އެ އަޑު އެހުމުގެ ބަދަލުގައި ޙުސައިން އާދަމް ނިންމެވީ ހަމަލާ ބަދަލުކުރުމަށެވެ. މި ނިންމުމާ މެދު ވިސްނާލާ އިރު ، އެއީ ރަނގަޅު ނިންމުމެކޭ ބުނުމުގެ ޖާގަ އެބައޮތެވެ. ސަބަބަކީ މައި ގޭޓުގެ ބޭރު ދޫކޮށް އެތެރެއަށް ވަނުން ވާނީ ދޫޝްމަނުންނަށް ބަނޑޭޜީކޮއްޓާ ގާތްވެ، ހަމަލާތައް ވަރުގަދަ ކުރުމަށް ލިބިގެންދާނެ ފުރުސަތަކަށެވެ. ޕްރައިވެޓް ޙުސައިން އާދަމްގެ އަތުގައި އޮތް އޭކޭ 47، ބަޑި ސީރިއަލް ނަންބަރު 6525 އިން އޭނާ ދުޝްމަނުންނަށް ރައްދު ހަމަލާ ދެމުން ދިޔައީ އެއްވެސް ބިރެއް ފަސްޖެހުމެއް ނެތިއެވެ. އެދެމުން ދިޔައީ އިތުރު ވަޒަނަށެވެ. ޙުސައިން އާދަމް ފުރަތަމަ ރައްދު ހަމަލާ ދެމުން ގެންދިޔައީ އޯޓޯގައެވެ. ނަމަވެސް ފަހުން ބަޑި ޖަހަމުން ދިޔައީ ރެގިއުލާގައެވެ.
ހަމަލާ ބަދަލުކުރެވެން ފެށިތާ 10 ވަރަކަށް މިނެޓު ފަހުން، ޕްރައިވެޓް ޙުސައިން އާދަމްގެ އަތައް ވަޒަން އަރަފައި ކަމަށާއި އަދި ފުރަތަމަ މެގަޒިން ހުސްވެ، ދެވަނަ މެގަޒިން ޖެހި ވާހަކަ ބުންޏެވެ. އާންމު އޭކޭ ފޯޓީ ސެވަން ގެ ބަޑިއަކުށް ލައްވާ މެގަޒިނެއްގައި އިންނަނީ 30 ވަޒަނެވެ. އެހެންކަމުން 10 މިނެޓު ތެރޭގައި ދުޝްމަނުންނަށް ހަމަލާ ދެއްވާ، އެންމެ ފިޔަވަޅޭއް ވެސް ފަހަތައް ނުޖެހި، 30 ވަޒަން ޖެހީ ޖެހިލުންކުޑަކަމާއި ފިޑި ކަމުގެ އެއްވެސް އަސަރެއް ނުދައްކަވާއެވެ. ދެވަނަ މެގަޒިން ލޯޑްކޮށް ބަޑި ޖަހަން ފެށުމާއެކު އޭނާގެ އަތުން ވަޒަން ހުސްވަނީއޭ އަދިވެސް މެގަޒަން ނުލިބޭހޭ ގޮވާލިއެވެ. ޖަވާބުގައި ޑިއުޓީ އެންސީއޯ ލާންސްކޯޕަރަލް އަޙްމަދު ރިޟާ ގޮވަމުން ދިޔައީ އަދިވެސް ވަޒަނެއް ނުލިބޭކަމަށާއި އެތެރެއަށް ވަދެވޭތޯ ބެލުމަށެވެ. އަދި ޕްރައިވެޓް ހުސައިން އާދަމަށް ވަދެވޭ ވަރަށް ސިފައިންގޭގެ މައިގޭޓު ހުޅުވައިދޭނަމޭ، އެތެރެއަށް ވަންނާށޭ ކިޔާ ޕްރައިވެޓް ޖިހާދު އަހްމަދު ދިޔައީ ގޮވަމުންނެވެ. ޕްރައިވެޓް ޙުސައިން އާދަމް ގޮވަމުން ދިޔައީ އޭނާގެ އަތުގައި އެތެރެއަށް ވަދެވޭ ވަރަށް ވަޒަން ނެތް ކަމަށާއި ވަޒަން ލިބޭނޭ ގޮތެއް ހަދައި ދިނުމަށް އެންމެ ފަހު އާދޭހެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން، އަހަރެން މަރުވާނީ ކަމަށާއި އަވަހަށް އެތެރެއަށް ވައްދައިދޭށޭ ޕްރައިވެޓް ޙުސައިން އާދަމް ބުނި އަޑު އިވުނެވެ. އިތުރު ވަޒަން ދެވެން ނެތްކަމަށާއި އަދި އެވަގުތު ދުޝްމިނުން ގޭޓަށް ހަމަލާ ދެމުންދާ ގޮތުން، ސިފައިންގެ އެތެރެއަށް ވެއްދޭނެ ގޮތެއް ވެސް ނެތްކަމަށް ބުނެ، މައިގޭޓު ޑިއުޓީ އެންސީއޯ ލާންސްކޯޕަރަލް އަޙްމަދު ރިޟާ ޖަވާބު ދިނެވެ. އޭރުވެސް ހުއްޓުމެއްނެތި ސިފައިންގެ މައިގޭޓާ ދިމާލަށް ދުޝްމިނުން. ހަމަލާ ދެމުން ގެންދިޔަ އެވެ. ޕްރައިވޭޓް ޙުސައިން އާދަމް ހަމަލާ ދެމުންދަނިކޮށް ދުޝްމިނުން ދިން ހަމަލާތަކުން ބަޑީގެ މެގަޒިނަށް ވަޒަން އަރާ މެގަޒިން ތެރޭގައި ވަޒަންތައް ތާށިވެ، ލޯޑްކޮށްދިނުން ހުއްޓުނެވެ. ޙުސައިން އާދަމް ދެމުންދިޔަ ރައްދު ހަމަލާ ހުއްޓުނު ވަގުތު ދުޝްމިނުންނަށް ފުރުސަތު ލިބި، ދޮށިމޭނާ ބިލްޑިންގގެ ސިފައިންގެ އެންމެ ކައިރި ގޭޓުގެ ތެރެއިން ވަރުގަދަ ހަމަލާތަކެއް އޭނާ ދިމާލަށް ފޮނުވާލިއެވެ. އެވަގުތު ޕްރައިވެޓް ޙުސައިން އާދަމްގެ ގަޔަށް ގިނަ އަދަދަކަށް ވަޒަން އަރާ، ލޭގެ ކޯރުގެ ތެރެއަށް ސެނގަރުތެރެއަށް ޝަހީދުވެގެން ވެއްޓުނެވެ.
މިއަދު މި ވާހަކަތައް އިނގި ޝަހީދު ޕްރައިވެޓް ޙުސައިން އާދަމް ޝަހީދުވެ ވެއްޓީފައި އޮތް ފޮޓޯ ގަނޑު ފެންނަ ކޮންމެ ހިނދަކު ހިތައް ކުރުވަނީ ދުލުންނާއި ގަލަމުން ބަޔާން ކުރަން ވެސް ދަތި އިހުސާސްތަކެކެވެ. 6525 ކޮނޑުގައި އެޅުވުމަށް އޮންނަ ސްޓްރެޕްގައި މިއަދާ ޖެހެން ދެންވެސް ފެންނަން އެހެރީ ހުއްބުލްވަތަންގެ ލާމަސީލު ބަތަލެއްގެ ރަތް ލޭއެވެ. މިއަދު އެ ރަތް ލެއިން ތާޒާކަމާއި އާރޯކަން ލިބިގެން ބިނާކުރަންވީ ޤައުމަށްޓަކާ ދިނަށްޓަކާ ކެރިގެން ޖިހާދު ކުރާނެ ދަރިންތަކެކެވެ. މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނިގުޅައިގަނެ ތޮޅެން އަންނަ ކޮންމެ ބަޔަކަށް ހަމަލާ ދިނުމަށް އެތަކެއް 6525 ބިނާކުރަން އަޒުމުކަޑައަޅަމާތޯއެވެ.







