logoEN
Sto top
އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާއެވެ.

އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާއެވެ.

# ނަސްރުގެ ދުވަސް# ނޮވެމްބަރު 03

-

އެ ލަވަ އަޑު އިވޭ ކޮންމެ ހިނދަކު، ހިތުގެ އެންމެ ހިމަ ނާރާކުޅެލައެވެ. އެއީ ޙުއްބުލްވަތަންގެ އެންމެ މަތިވެރި ދަރަޖައިގެ ޤުރުބާނީގެ ޒިކުރާތަކާއި ހަނދާންތަކާ ގުޅިފައިވާ ލަވައެކެވެ. ލަވައިގެ މާނައާއި މެދު ވިސްނާ ފިކުރުކޮށްލާ ކޮންމެ ހިނދަކު، އެ ދުވަހުގެ މަންޒަރުތައް ލޮލަށް ނުފެނުނަސް، ބަޑީގެ ހަމަލާތަކުގެ އަޑުތައް ނީވުނަސް، އެ ދުވަހުގެ ބިރުވެރިކަމާއި ނާމަންކަން ހިތައް ހަމަ ސިފަވާ ފަދައެވެ. އާދެ، ނ.ޢ.ޢ.ވ އަބްދު ރަޝީދު ހުސައިން ހައްދަވާފައިވާ “”ޝަހީދު ހުސައިން އާދަމްގެ ޤައުމީ ޖިހާދުގެ ގޮވާލުން “” ލަވަ، އަޑު އަހާލާ ކޮންމެ ދިވެހި ދަރިއަކަށް އަސަރު ކުރާނެކަމީ މީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ޝަހީދު ހުސައިން އާދަމްގެ ފަހު ސިކުންތުތައް ހިޔާލަށް ގެނެވޭ މި ލަވަ މިފަދަ ދުވަހަކު ބަލާލުމީ މުނާސަބުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

Wamco
ޖޯޝުގާ ނެތް ލޮލުން ކަރުނައައް ފާޅުވާ
އުންޑަތައް އެރިކަމަކު ގައިގެ ލޭ އޮހޮރުވާ
މަރުވިޔަސް ހިތް އޮތީ ހަރު އަޑުން ގޮވަގޮވާ
އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ

އެވަގުތު ހުސައިން އާދަމް މި ފަދައިން ނުބުނި ކަމުގައި ވިޔަސް، އަމަލުން ދައްކައިދޭނީ މި ވާހަކައެވެ. ލަވައިގެ މައިގަނޑު ކަޑިން ޖޯށުގާ އެބަހީ އުފަލުން ލޮލުން ތިމަންނާގޭ ނެތޭ އޮހޭނޭ އެއްވެސް ކަރުނައެއް އިތުރަކަށް، ނުވަތަ ތިމަންނައަށް މި ރޮވެނީ އެއްވެސް ހާލެއްގައި އުފަލަކުން ނޫންކަން ބުނެދެއެވެ. ގައިގެ އެކިތަންތަނަށް ވަޒަން އަރާ، ތިމަންނާގެ ފަހު ނޭވާ ކައިރި ވާކަން ތިމަންނާއަށް އިހުސާސް އެބަ ކުރެވެއޭ ބުނެއެވެ. ނަމަވެސް ތިމަންނާގެ އެކުވެރިންނޭ، ސިފައިންނޭ، ޤައުމުގެ ދަރިންނޭ، ތިމަންނާ ތިމަންނާގެ ފަހު ނޭވާ މި ފަސްގަނޑުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް މި ދޫކޮށްލަނީއެވެ. އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާއެވެ.

ކޮންކަމެއްހޭ މިއީ ކޮންބައެއްހޭ މިއީ
ކޮންމެ ބަޔަކަސް ޔަޤީން ދުޝްމަނުންނޭ މިއީ
ބޮންއުކައި އުންޑައިން ތަން ހިފަން ތިޔައައީ
ބިން މި ކީރިތި ފަނާކޮށްލުމަށްހޭ އައީ
ތަންފުކެއް ވެސް ނުދޭނަން މަކުރަމޭ ހުވާ
އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ

ލަވައިގެ ފުރަތަމަ ކަޑީގެ ފުރަތަމަ ގެނެސްފައި ވަނީ ޝަހީދު ހުސައިން އާދަމު ހިތައް އެރި ފަދަ ސުވާލުތަކެކެވެ. ކަޑީގައި ފުރަތަމަ ބަޔާން ވެފައިވާ ގޮތުން ސިފަ ވަނީ، ހުސައިން އާދަމަށް ޤައުމަށް އަރައިން އެ އުޅޭނީ ކޮން ބައެއް ކަން ނޭނގޭކަމެވެ. ވެގެން އުޅޭ ގޮތެއް އަދި ވާން އުޅޭ ގޮތެއް ވެސް ނޭނގޭ ކަމެވެ. ކޮންމެޔަކަސް ޔަޤީން ވަނީ މީ ހެޔޮނިޔަތުގައި އަރާ ތިބިބައެއް ނޫންކަމެވެ. މީ ދުޝްމަނުންކަން ތިމަންނާއަށް ޔަގީންކަން ބުނެއެވެ. ބޮންއުކާ އުންޑައިން ތަން ހިފަން ތިޔައައީ ކީކުރަންހޭ ތަކުރާރުކޮށް ސުވާކުރާ ހެން ހީވާފަދައެވެ. ބަދަލުގައި ހަމަލާތައް ދެމުން އޭނާ ދިޔައިރު ދުޝްމަނުންނާ ހަރު އަޑުން ގޮވާ އަހާ ފަދަ، ތިޔައައީ އިސްލާމީ މި ފަސްގަޑުގެ އަމާންކަން ނަގާލުމަށްހޭ، މި ރީތި އަމާން ޖައްވުގެ ތެރޭގައި ނާމާންކަން ފަތުރަންހޭއެވެ.

މި ކަޑީގެ ދެވަނަ ބައިން އުފައްދައިދޭ އިހުސާސަކީ ހުސައިން އާދަމް ގެ އަތައް ވަޒަން އަރާ، އިތުރު ވަޒަންތައް ގަޔަށް އަރާ، ގައިން ލޭ އޮހޮރިގެން މީހާ ބިމަށް ވެއްޓެމުން ދިޔަ އިރުގެ އަޒުމެވެ. ނަމަވެސް އަސަރުން ފުރިގެންވާ ތަންކޮޅަކީ ތިމަންނާގެ އެންމެ ފަހު ވިންދާ ޖެހެންދެން ، މި ބިމުން ވެލި ފުކެއްހާ މިންވަރު ވެސް ނުދޭނަމޭ ހުވާ ކުރޭ ތަންކޮޅެވެ. އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާއެވެ.

ހަމުގެ ބޭރަށް އޮހޭކަށް ލެޔެއް ދެން ނެތޭ
އުމުރު ހަގަކަސް އުމުރުގައި ތަނެއް ވެސް ނެތޭ
ކަމަރުގާ އިތުރު ވަޒަނެއް ނަގާކަށް ނެތޭ
ނަމަވިޔަސް އިތުރުވަނީ މަގޭ ހިތްމަތޭ
ހަމަލަދޭނޭ ތަނެއް ބުނަލަ ދޭށޭ ނިވާ..
އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ

އާދެ މި ކަޑިއަކީ އަޅުގަނޑަށް އެންމެ ފުން އަސަރު ކުރުވި ކަޑިއެވެ. އެ ކަޑި އަޑު އިވޭ ކޮންމެ ހިނދަކު އަދިވެސް، ލޮލުން ކަރުނަ ފައްދާލައެވެ. ތިޔަބޭފުޅުން ތަސައްވަރު ކޮށްލައްވާށެވެ. ޝަހީދު ހުސައިން އާދަމު އެ ދަނީ އޭނާ ޝަހީދުވެގެން ވެއްޓިފައިފޮޓޯތަކުން ފެންނަ ކަނަށް މަޑު މަޑުން ތިރިވަމުންނެވެ. ގަޔަށް އަރާފައިވާ ދުޝްމަނުންގެ ވަޒަންތަކުން މީހާގެ ގައިން ބޭރަށް އޮހޭނޭ އިތުރު ލެޔެއް ނެތެވެ. އޭނާއަކީ އުމުރުން އެންމެ ވިހި އަހަރުގެ ޒުވާނެކެވެ. އަދި ހަޔާތުގެ ސޮފްހާތައް ގުނަން އޮތީއެވެ. ނަމަވެސް ދެން އަހަރުން ގުނާނެ މާ ގިނަ ސިކުންތުތަކެއް ނެތޭ ބުނާ ހިނދު އަސަރުކުރުވައެވެ. މި ދުނިޔެ ދޫކޮށް ދާން ޖެހުނަސް ހިތްވަރަށް އަޒުމަށް އެއްވެސް ގުޑުމެއް ނާދެއެވެ. ބަޑީގައި ބާކީ 14 ވަޒަން އިންދާ، މެގަޒިނަށް އެރި ދުޝްމަނުންގެ ވަޒަނެއެއްގެ ސަބަބުން ތިމަންނާގެ މެގަޒިން ބޭނުން ނުކުރެވި، ވަޒަން ހުސްވި ވާހަކަ އިނގިގެންދެއެވެ. އެހެން ވިޔަސް އަވަހަށް ނިކަން އަދި ބުނެބަލާށޭ، ތިމަންނާ ހަމަލަ ދޭންވީ ތަނެއް، ފޫއަޅުވާލަންވީ ދުޝްމަނުންގެ ސަފެއްއެވެ. އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާއެވެ.

ފުރުސަތޭ ޖަންނަތަށް ލުބުނު ދިޔުމަށްޓަކައި
ފުރަގަހެއް ހަމަ ނުދޭނަން މަ ހޭ ހުއްޓަކައި
މަރުވެދާނީ މި ދީނާއި ވަޒަނަށްޓަކައި
ހަރުދަނާ ދިވެހި އުންމަތުގެ ޝަރަފަށްޓަކައި
ނަސްރު އެދެމޭ މި ޤައުމަށް މަގޭ ލޯބިވާ
އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ.

މި ކަޑީގައި ފައްޓަމުން ޝަހީދު ހުސައިން އާދަމްގެ އެންމެ ފަހުގެ ނޭވާތައް ގުނަމުން އޭނާ ދިޔަ އިރު ބަޔާންކޮށް އެ ދެނީ އޭނާގެ އެންމެ ފަހުގެ އުދާސްތަކާއި އާދޭހެވެ. މާތް ރަސްކަލާނގެ ހަޞްތަރައް، ޝަހީދެއްގެ ލަޤަބުގައި ދެވުމަކީ، ލިބޭނެ އެންމެ ބޮޑު ނިއުމަތްކަމާއި އެކަމަށް އުފާކުރާ ހިނދު އަދިވެސް، މި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓަން ތެދުވާން ޖެހިއްޖެއްނަމަ، އޮހޮރެމުންދާ ހުރިހާ ލެޔަކާ އެކު ވެސް އަހަރެން އަދިވެސް ތެދުވަން ތައްޔާރަށް ހުރިކަން ބުނެދެވެ. މި މިނިވަން ޖައްވަށް، މިނިވަން ދިދައިގެ ހިޔަލުގެ ދަށުގައި، މިނިވަންކަމުގެ ދިފާއުގައި ޝަހީދުވުމަކީ ތިމަންނާއަށް ލިބޭ ޝަރަފެއްކަމުން ވަކިވެގެން މިދަނީ އުފާވެރިކަމުގެ ކަރުނަތައް ފައްދަލަމުންކަން އޭނާ ބުނެދެއެވެ. އަދިވެސް އަހަރެން އެދެނީ މި ވަތަން މިނިވަން ކަންމަތީ ތާ އަބަދަށް ދެމި އޮތުން ކަމާއި، ލޯބިވާ ދިވެހި ދަރިންނަށް ފަހު ވަސިއްޔަތަކަށް ”އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ “ އޭ ބުނެލައެވެ.

Watch on YouTube

E living
ކޮމެންޓް
E living
ފަހުގެ
HDC