
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައިފިން، މިއަދު ވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ އެބަހުރި - ޒަމީރު
# ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު-
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި މިއަދުވެސް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން އަންނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ފައިނޭންސިންގ ހޯދަންޖެހޭ މިންވަރު 26.3 ބިލިއަން ރުފިޔާއަށް އުފުލޭނެކަމަށް އަންދާޒާކުރެވޭކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ އަންނަ އަހަރު މި ފައިނޭންސިންގގެ އަދަދު ހޯދަން ރާވައިފައިވާ ގޮތަށް ބަލާއިރު، ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި، ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވާ ކަމަށެވެ.
މީގެ އިތުރަށް ދަރަނިވެރިނުވެ، ވިސްނުންތެރިކަމާއިއެކު ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން ވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައިކަން ޒަމީރު ފާހަގަކުރެއްވި އެވެ.
" އެ ފަންޑުގައި މިއަދު ވެސް 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ މުހިންމު ބޭނުމަށްޓަކައި ރައްކާކޮށްފައިވޭ." ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ރިފައިނޭންސްކުރެވޭ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާއިން ކަނޑައަޅާ ވަކި މިންވަރެއް ކަމަށެވެ.
މިގޮތުން ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ވަނީ ރާވާފައިކަން ޒަމީރު ހާމަކުރެއްވި އެވެ.




