logoEN
Sto top
ފަގީރުންގެ ތެރެއިން ހައުސިން ޔުނިޓު ލިބި ޑައުން ޕޭމަންޓު ނުދެއްކި ތިބި 14 މީހަކަށް ޒަކާތު ހައުސިންއިން އެހީވަނީ

ފަގީރުންގެ ތެރެއިން ހައުސިން ޔުނިޓު ލިބި ޑައުން ޕޭމަންޓު ނުދެއްކި ތިބި 14 މީހަކަށް ޒަކާތު ހައުސިންއިން އެހީވަނީ

އަހުމަދު ޝުރާއު

logo

10/30/2025, 6:58:31 AM

# މޯލްޑިވްސް ޒަކާތު ހައުސް

-

ސޯޝަލް ހައުސިންގ ޔުނިޓުތައް ލިބުނު 14 ފަގީރަކަށް ޑައުން ޕޭމަންޓު ދެއްކުމަށްޓަކައި އެހީވާން ޒަކާތު ހައުސިންއިން ނިންމައިފި އެވެ.

Wamco

ޒަކާތު ހައުސިން އިން މިއަދ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން މިކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައި އެވެ.

މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށެވެ. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާކަންވެސް ބަޔާނުގައި ވަނީ ބުނެފައި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ފަޤީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ވަނީ ޒަކާތު ހައުސްއާ ހަވާލުކުރައްވާފައެވެ. މި މަސްއޫލިއްޔަތާއެކު، ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމަކީވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަރަށް މުހިއްމު މަޤުޞަދެކެވެ. އެގޮތުން، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފު ކުރުމަށް ޒަކާތު ހައުސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ކާޑު ތަޢާރުފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައި އެވެ،

E living
ކޮމެންޓް
E living
ފަހުގެ
HDC