logoEN
Sto top
ސްވައިޕް: ބީއެމްއެލުން ތައާރަފްކުރާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް، 100 ޕަސެންޓު ދިވެހި އުފެއްދުމެއް!

ސްވައިޕް: ބީއެމްއެލުން ތައާރަފްކުރާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް، 100 ޕަސެންޓު ދިވެހި އުފެއްދުމެއް!

އަހުމަދު ޝުރާއު

logo

10/29/2025, 7:11:39 AM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ސްވައިޕް ތައާރަފްކޮށްފިއެވެ.

Wamco

މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ.

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްވެސްމެއެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ. ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ލޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެއެވެ. ސްވައިޕަކީ ފަތުރުވެރިންނަށްވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެއެވެ.

ސްވައިޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަގަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕަކީ ޑިޖިޓަލްކޮށް ކުރާ ފައިސާގެ މުއާމަލާތަށާއިމާލީ ދާއިރާގައި ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

" މިއީ ރާއްޖެއާއި ބޭރަށް ފަސޭހަ، ރައްކާތެރި އަދި އަވަސް މާލީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހީން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވޮލެޓެއް. މު މުހިންމު ހެޔޮ ބަދަލު ގެނެސްދިނުމުގައި ބޭންކުން އިސްކޮށް ހަރަކާތްތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ޒަމާނީ، އީޖާދީ ހައްލުތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނަން." ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ހާމަކުރާ ގޮތުގައި މި އަހަރުގެ ޑިސެންބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންގ އަށް ހުޅުވާލާން ވަނީ ނިންމާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC