-1761027922640.webp&w=3840&q=75)
ގަތަރާއިއެކު މަސައްކަތްތެރިކަމުގެ ދާއިރާއަށް އަމާޒުކޮށް އެކުލަވައިލެވޭ މުހިއްމު ޤާނޫނާއި ޤަވާޢިދުތައް ހިއްސާކުރުމަށް މަޝްވަރާކޮށްފި
# ރާއްޖެ - ގަތަރު-
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު ގަތަރުގެ މަސައްކަތްތެރިކަމާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ބިން ސަޢީދު ބިން ސަމީޚް އަލް މައްރީއާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ގަތަރުގެ ދޯހާގައި ކުރިޔަށްދިޔަ "އޯ.އައި.ސީގެ 6 ވަނަ ލޭބަރ މިނިސްޓަރސް ކޮންފަރެންސް"ގައި ބައިވެިރިވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުުމުގައި، ދިވެހިރާއްޖެއާއި ގަތަރާއިދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއެކު ދެ ޤައުމުގެ މަސައްކަތްތެރިން މެދުވެރިވެ، ދެ ދަޢުލަތުގެ މަސްލަހަތު ހިމެނޭ މަސައްކަތްތަށް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެެވެ. މީގެ އިތުރުން، ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް އެކުލަވައިލެވޭ މުހިއްމު ޤާނޫނާއި ޤަވާޢިދުތައް ދެ ޤައުމުގެ މެދުގައި ހިއްސާކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާއިން ބުނީ މިފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވުުމުގެ ސަބަބުން ބޭރުގެ އެކި ޤައުމުތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރެވި، ދަޢުލަތްތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ދިވެހިންގެ ހުނަރުވެރިކަން އިތުތުކޮށް، މުސްތަޤްބަލް ބިނާކުރުމުގެ އެތަށް ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށެވެ.